PNF
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރާޅުގަނޑުގައި ބާއްވަނީ -- ފޮޓޯ: މިރާން/ އަދަދު

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރާޅުގަނޑުގައި ފަށައިފި

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށްޓަކައި ބާއްވާ ޖަލްސާ ރާޅުގަނޑު ސަރަހައްދުގައި ފަށައިފި އެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ މިރޭ 9:15 ގައި ޣިޔާސުއްދީން ސްކޫލުގައި ފަށަން ތައްޔާރުވި ނަމަވެސް, ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް, އިތުރު ބަޔަކު އެތެރެއަށް ވަނުން މަނާކޮށްފަ އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް އެޖަލްސާއަށް ވަޑައި ނުގެންނެވުުނު އިރު ޖަލްސާ ކަވަރު ކުރުމަށް އެ ސަރަހައްދަށް ދިޔަ ގިނަ ނޫސްވެރިންނަށް ވެސް އެތެރެއަށް ވަނުމުގެ ހުއްދަ ފުލުހުން ނުދެ އެވެ. އެހެންވެ، އެ ޖަލްސާ ބާއްވަން އޮތް މާލަން ބަދަލުކޮށް, ރާޅުގަނޑު ސަރަހައްދަށް ޖަލްސާ ބަދަލުކުރީއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފެށީ 329 ޕާޓީ މެންބަރުންނާއެކު އެވެ. ޖަލްސާގެ ރިޔާސަތު ބައްލަވަނީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ.

ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައިކަމަށްވާތީ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކުރިނަމަވެސް، އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެއްނޯވެއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަކޮށް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

advertisement
ހިޔާލު ދެއްވާ!