PNF
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ޔާމީނުގެ ދަރިކަލުން ޒޭން އަބްުދުﷲ ޔާމީން (ކ.2) ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

ޕީއެންއެފް ގެ ވަގުތީ ރައީސަކީ ޒޭން ޢަބްދުﷲ ޔާމީން

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ވަގުތީ ރައީސަކަށް ޒޭން ޢަބްދުﷲ ޔާމީން އިންތިޚާބުކޮށްފިއެވެ.

ރާޅުގަނޑު ސަރަޙައްދުގައި ކުރިޔަށް ގެންދިޔަ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޢަބްދުﷲ ޔާމީން އިންތިޚާބުކުރީ ޖަލްސާއަށް ޙާޟިރުވި 329 މެމްބަރުންގެ އިއްތިފާޤުންނެވެ.

ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައިކަމަށްވާތީ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކުރިނަމަވެސް، އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެއްނޯވެއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަކޮށް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

advertisement
ހިޔާލު ދެއްވާ!