ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ދިޔަރެސް

އެސްއޯ ފުލުހުން ބޭނުން ކުރީމަ ހިތާމަކުރަން، އެކަން ބަލައި ފިޔަވަޅު އަޅާނަން: ރައީސް

ޕީއެންއެފް އުފެއްދުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ހަމަނުޖެހުންތަކުގައި އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެމަނިކުފާނުގެ ސިޔާސަތާ ހިލާފަށް ކަމަށާއި އެކަން ހިނގި ގޮތް ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގައެވެ. ޕީއެންއެފުން ވަނީ އެ ޖަލްސާ ބޭއްވުމަށްޓަކައި އެ ސްކޫލްގެ ހުއްދަ ވެސް ހޯދައިފައެވެ. އެކަމަކު، ލޮޖިސްޓިކް ބައެއް ސަބަބުތަކާ ގުޅިގެން ޕީއެންއެފްއާއެކު ޣިޔާސުއްދީންގެ ހޯލް ދޫކުރުމަށް ވި އެއްބަސްވުން އެ ސްކޫލުން ވަނީ ބާތިލްކޮށްފައެވެ.

އެކަމަކު، ޕީއެންއެފުން ވަނީ ސްކޫލްގެ ނިންމުމަށް އިހްތިރާމް ނުކޮށް ޣިޔާސުއްދީން ސްކޫލްގައި ޖަލްސާ ބާއްވަން މަސައްކަތްކޮށްފައެވެ. އެހެންވެ، ފުލުހުން ނުކުމެ އެ ސަރަހައްދު ބަލަހައްޓަމުން ގެންދިޔަ ދަނޑިވަޅުގައި ފުލުހުންނާއި ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖެހިއެވެ. އަދި މި ހަމަނުޖެހުންތަކުގައި ބައެއް ފުލުހުންނަށާއި އާންމުންގެ ބައެއް މީހުންނަށް ވެސް އަނިޔާވެގެން އުޅުނު ތަން ފެނުނެވެ.

ރައްޔިތުންނާ އީދު ސަލާމް ކުރެއްވުމަށް ފަހުގައި މުލިއާގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ރޭގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގައި ހިނގައި ދިޔަ ކަންކަމާ މެދުގައި ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެންމެ ފަހުން ފުލުހުންނާ ބައްދަލު ކުރައްވައި އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ވެސް ދެއްވި އިރުޝާދަކީ ސިޔާސީ ގޮތުން މީހަކަށް އަނިޔާއެއް ނޫނީ ގޯނާއެއް ކުރާކަށް ނާންގަވާނެ ވާހަކަ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ލެވެލްއަކުން އެކަން ނުހިނގާނެ ކަމަށާއި އެކަމެއް ހިނގައިފި ނަމަ، އެމަނިކުފާނު އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމެއް ކަން ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުލުހުން މަސައްކަތް ކުރާށޭ (ދެންނެވިން) ކުރީގައި ދިޔަ ތަން ދޫކޮށްލާފައި ފްރީކޮށް، ޕްރޮފެޝަނަލީ. އެެއީ އަޅުގަނޑުގެ ސިޔާސަތަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިން ފެނިފައި ވަނީ އެސްއޯ ފުލުހުން ރައްޔިތުންނަށް އަނިޔާކޮށް އެއްވެސް ސަބަބެއް ނެތި ހިފައި ހައްޔަރު ކުރާ ތަނެވެ. އަދި ހިޔާލު ފާޅުކޮށްލާ އިރު، ނުވަތަ މަގުމައްޗަށް ނުކުންނައިރު ފެނިގެން ދިޔައީ ޕިކަޕަކަށް "އަޅާލައި" ނުވަތަ ވެހިކަލަކަށް އަރުވައިގެން ގެންދާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެކަން އެގޮތަށް އޮންނަން ޖެހޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރޭގެ ކަންކަން ހިނގާފައި އޮތީ "އެއްގޮތަކަށް ވެސް" އެސްއޯ ފުލުހުން ނުފޮނުވަން ވިދާޅުވެފައި އޮއްވައި ކަމަށެވެ.

"[އެސްއޯ ފުލުހުން] ފޮނުވަން ޖެހިއްޖިއްޔާ އަޅުގަނޑަށް އެނގޭނެ. މި ގައުމު އެ ހިސާބަށް ދިޔައީމާ އަޅުގަނޑު ދަންނަވާނަމޭ ފޮނުވަން ޖެހިއްޖިއްޔާ. ބައެއްގެ މުދަލަށް ގެއްލުންދީ، ތަނެއްގައި ރޯކޮށް، މީހުންނަށް ޖިސްމާނީ އަނިޔާކޮށް ނޫނިއްޔާ މުގައްދަސް ތަނަކަށް، މިސްކިތަކަށް ގެއްލުން ދިނުން. މިހެން ގޮސް އެނގޭނެ އެންމެންނަށް. އެ ހިސާބަށް ނުވެސް ދާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރޭގައި އެމަނިކުފާނު އުޅުއްވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދެ ހަރަކާތެއްގައި ކަމަށާއި ހަމަނުޖެހުން ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ނޫހުން ކަމަށެވެ. އެހެންވެ، ވަގުތުން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރަށް ގުޅުއްވައި ކަން ހިނގި ގޮތް ބައްލަވަން އެންގެވި ކަމަށް ވިދާޅުވިއެވެ. އަދި މިރޭ އިރުއޮއްސުމުގެ ކުރިން މިކަމާ ގުޅޭ ރިޕޯޓު ލިބެން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމޭ މިކަން ހިނގި ގޮތް ބަލަން. ކާކު، ކޮން ގޮތަކަށް ދިން އިންސްޓްރަކްޝަނެއްތޯ؟ ކިހިނެއް ވީ ކަމެއްތޯ؟ ހޯމް މިނިސްޓަރަށް ވެސް އޮންނާނީ ދަންނަވާފައި. މިރޭ އިރުއޮއްސެންވާއިރަށް އަޅުގަނޑަށް ލިބެން ޖެހޭނެއޭ އިންވެސްޓިގޭޝަން ހަދާފައި ރިޕޯޓެއް،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު އިންވެސްޓިގޭޝަން ރިޕޯޓް ހޯދާފައި އެކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން. ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުންގެ އިތުބާރު އަނބުރާ ގެންނަން ބޭނުން. އަޅުގަނޑުގެ ސަރުކާރުގެ އިތުބާރު އޮންނަން ބޭނުން."

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެސްއޯ ފުލުހުން ވަކިން ހާއްސަކޮށް ސިޔާސީ ކަމެއްގެ ތެރެއަށް ނެރުމަކީ އެމަނިކުފާނު ޓޮލެރޭޓް ކުރައްވާނެ ކަމެއް ނޫނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ފުލުހުންނަށް އިތުބާރު ހޯދައި ދިނުން ކަމަށެވެ. ފުލުުހުންނަކީ ރައްޔިތުންނަށް އަނިޔާކުރާ ނުވަތަ ހިޔާލު ފާޅު ކުރުމަށް ހުރަސް އަޅާ ބަޔަކަށް ވާން ބޭނުންފުޅު ނުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެކަން މިއޮތީ ހިނގާފައި ވަރަށް ހިތާމަ ހުރި ކަމެއް.މިއަދު އިންވެސްޓިގޭޝަން ރިޕޯޓު ހޯދާފައި، މިކަން ކުރި ބަޔަކަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނަން. ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ގެންނަން ބޭނުން. ސަރުކާރަށް އިތުބާރު އޮންނަން ބޭނުން،" ރައީސް ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާ އެންމެ ފަހުން ބާއްވާފައި ވަނީ ރޭ ދަންވަރު ރާޅުގަނޑު ސަރަހައްދުގައެވެ. ޕީއެންއެފްގެ ވަގުތީ ރައީސަކަށް ހަމަޖެއްސީ ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ. ޕާޓީގެ ދާއިމީ ސެނެޓު ފާސްކުރެވެންދެން އެކުލަވާލި ވަގުތީ ކޮމިޓީއަށް 20 ނަމެއް ކަނޑައެޅިއެވެ. އޭގެ ތެރޭގައި ޔާމީންގެ ނަން ވެސް ހިމެނިވަޑައިގަންނަވައެވެ. މި ޖަލްސާގައި ވަނީ ޕާޓީގެ ލޯގޯ އާއި އަސާސީ ގަވައިދުގެ އިތުރުން ޕާޓީގެ ކުލަ ފާސްކޮށްފައެވެ. ޕާޓީގެ ކުލައަކީ ދަނބު ކުލައެވެ.

ރޭގެ ޖަލްސާގައި ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ޒޭންގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަލްސާ ނިމުނު ފަހުން ޔާމީން ވެސް އެ ތަނަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް ސިޔާސީ ޕާޓީ އުފެއްދެން ވާނެ ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް އޮންނަ ހައްގެއް ކަމަށެވެ. އަދި ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް އެ ފުރުސަތު ވެސް އޮންނަން ވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

"އުފާ ވެސް ކުރަން އެބޭފުޅުންގެ ޖަލްސާ ބޭއްވިގެން އެބޭފުޅުންގެ ގާނޫނީ ކަންކަން ފުރިހަމަ ކުރެއްވީމަ މަރުހަބާ ދަންނަވަން. ދެން ވެސް އެހެން ބަޔަކު ސިޔާސީ ޕާޓީއެއް ހަދަން މަރުހަބާ ކިޔަން. މި ގައުމުގައި އޮންނަން ވާނެ މިނިވަންކަން. އެކަމަށް އަޅުގަނޑު ހުރަހެއް ނާޅާނަން،" ރައީސް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!