"ޢީދޭ އައީ" ގެ ނަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރުގެ ފިޠުރު ޢީދާ ގުޅިގެން މަދަހަ އަލްބަމެއް ނެރެފިއެވެ.
މަދަހަ އަލްބަމް ނެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ފިޠުރު ޢީދުގެ އުފާ ފާހަގަކުރަމުންދާއިރު، އެ ވުޒާރާއިން އިސްނަގައިގެން މަދަހަ އަލްބަމެއް ނެރުމުގެ މަޤްސަދަކީ މި މުނާސަބު ދުވަހުގައި ބޭނުންކުރުން ކަމަށެވެ. ވީހާވެސްް ގިނަ ބޭފުޅުން މި މަދަހަތައް އަޑުއައްސަވައި ބޭނުން ކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވައިފައެވެ. މި މަދަހަ އަލްބަމްގައި ކުރީގެ މަދަހަތަކާއި ފަހުގެ މަދަހަތައް ހިމެނޭނެއެވެ. އަދި މި އަލްބަމްގެ މަދަހަތައް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
މިއަދު ޢީދު ނަމާދަށް ފަހު ނެރުނު މަދަހަ އަލްބަމްގައި ހިމެނޭ ބައެއް މަދަހަތަކަކީ "ޢީދޭ އައީ"، "ޢީދުއައީ ހިނިތުންވަމުން"، "ޢީދު މުބާރަކް"، "ބަރަކާތްތެރި ޢީދުގެ ސަލާމް"، އަދި "ތަހުނިޔާ ދޭށޭ ކިޔާ" އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ކުލަގަދަ ގޮތެއްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޢީދު ފާހަގަކުރަމުންދާއިރު، އިސްލާމިކް މިނިސްޓްރީން މިވަނީ ޢީދާ ގުޅޭ މަދަހަތަކެއް އާންމުންނަށް އަޑުއަހާލެވޭ ގޮތަށް ގެނެސްދީފައެވެ.