ޙަމާސްގެ ލީޑަރ ހަނިއްޔާ. ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ޙަމަލާދީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ތިން ފިރިހެން ދަރިން އަވަހާރަކޮށްލައިފި

އިޒްރޭލުން ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ތިން ފިރިހެން ދަރިން އަވަހާރަކޮށްލާފައިވާ ކަމަށް ހަނިއްޔާ އާއި އިޒްރޭލުގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.

ގަތަރުގައި އުޅުއްވާ ހަނިއްޔާ އަލް ޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ތިން ފިރިހެން ދަރިންނާއި ބައެއް ކާފަ ދަރިން އަވަހާރަވީ އެ މީހުން ދަތުރުކުރި ކާރަކަށް އިޒްރޭލުން ދިން ހަަމަލާއެއްގައެވެ.

މި ހަމަލާ ދީފައި މި ވަނީ މީގެ ހަ މަސް ކުރިން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާ އާއި މިސްރު އަދި ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ބާއްވަމުން އަންނަ މަޝްވަރާތައް އަލުން ފަށައި އެކަމުގައި ކުރިއެރުމެއް ލިބޭ ކަމުގެ ނިޝާނެއް ނުފެނި އުޅެނިކޮށެވެ.

"މިއަދު އަޅުގަނޑު ފިރިހެން ތިން ދަރިން ކަމަށްވާ ހާޒިމް، އާމިރް، މުހައްމަދު އަދި ބައެއް ކާފަ ދަރިން ވަނީ ޝަހީދުވެފައި،" ހަމާސްގެ ސިޔާސީ ގޮފީގެ ލީޑަރު ހަނިއްޔާ ވިދާޅުވިއެވެ.

އިޒްރޭލުން މި ހަމަލާއާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނީ ހަމާސްގެ ތިން މެންބަރަކު "ޣައްޒާގެ މެދުތެރޭގައި ޓެރަރިސްޓް ހަރަކާތްތަކެއް ހިންގަން ދަނިކޮށް މަރާލާފައިވާ" ކަމަށެވެ. އެ ތިން މީހުންނަކީ ހާޒިމް، އާމިރް އަދި މުހައްމަދު ކަމަށް އިޒްރޭލުން ވެސް ބުންޏެވެ. އިޒްރޭލުން ވެސް ބުނީ މިއީ ހަނިއްޔާގެ ދަރިން ކަމަށާއި މިއީ ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ މެންބަރުން ކަމަށެވެ.

އަލް ޖަޒީރާއިން ރިޕޯރޓްކޮށްފައިވާގޮތުގައި ހަނިއްޔާގެ އާއިލާގެ މެންބަރުން ދަތުރުކުރި ކާރަށް ޑްރޯނުން ހަމަލާދީފައިވަނީ ޣައްޒާގެ އުތުރުގައި ހުންނަ އަލް ޝާތީ ރެފިއުޖީ ކޭމްޕް ސަރަހައްދުންނެވެ. ހަނިއްޔާގެ ތިން ދަރިން އަވަހާރަކޮށްލިކަމުގެ ޚަބަރު އޭނާއަށް ލިބުނީ ޣައްޒާއިން ގަތަރަށް ފަރުވާއަށް ގެންދިޔަ މީހުންނަށް ހަނިއްޔާ ޒިޔާރަތްކުރައްވަމުން ގެންދަވަނިކޮށް ކަމަށްވެސް އަލް ޖަޒީރާއިން ބުންޏެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ތިން ދަރިން ދަތުރުކުރެއްވި ކާރަށް ހަމަލާ ދިނުމުންކާރު އެއްކޮށް ހަލާކުވެފައި. މި ހަމަލާގައި ހަނިއްޔާގެ ތިން ދަރިންގެ އިތުރުން ކާފަ ދަރިންތަކެއް ވެސް އަވަހާރަވި. — ފޮޓޯ: އަލްޖަޒީރާ

އިޒްރޭލުގެ މި އަނިޔާވެރި ހަމަލާއަށް ރައްދު ދެއްވައި ހަނިއްޔާ ވިދާޅުވީ ހަމާސް ޖަމާއަތުގެ ވެރިންނާއި އެ މީހުންގެ އާއިލާތަކަށް ހަމަލާދީގެން ފަލަސްތީނު ރައްޔިތުންގެ ހިތްވަރު އެލޭނެކަމަށް އިސްތިއުމާރީންނަށް ހީވާނަމަ އެއީ ކުށް ހީއެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ހަމަލާއަކީ މިހާރު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާމެދު ހަމާސްގެ ވިސްނުން ބަދަލުކުރުމަށް މަޖުބޫރު ކުރުވުމުގެ ބޭނުމުގައި ދިން ހަމަލާއެއް ނަމަ އިޒްރޭލު އެކަމުގައި ފެއިލްވެއްޖެ ކަމަށެވެ.

"މަޝްވަރާގެ އެންމެ މުހިންމު ހިސާބަށް އާދެވިފައި ވަނިކޮށް އަދި ހަމާސް އިން ހުށަހެޅުމަށް ޖަވާބު ނުދީ އުޅެނިކޮށް އަޅުގަނޑުގެ ދަރިންނަށް ހަމަލާ ދިނުމަކީ ހަމާސްގެ ވިސްނުން ބަދަލުވާނެ ކަމެއްގެ ގޮތުގައި ހީވާ ނަމަ އެއީ ބިލާހެއް،" ހަނިއްޔާ ވިދާޅުވި އެވެ.

"ފަލަސްތީނު ރައްޔިތުންގެ ލެޔަށްވުރެ އަޅުގަނޑުގެ ދަރިންގެ ލޭގެ އަގު ބޮޑެއް ނުވާނެ. ހަމާސްގެ ޑިމާންޑްތައް ބަދަލެއްނުވާނެ،" ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

ހަނިއްޔާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި އޭނާގެ އާއިލާގެ 60 މީހެއްގެ ފުރާނަ މިހާތަނަށް ވަނީ ގެއްލިފަ އެވެ.

advertisement
ހިޔާލު ދެއްވާ!