މާފަންނުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. ރަބީއުވިލާ ގޭގެ ހަތަރު ވަނަ ފްލޯގަ އެވެ. އެ ހާދިސާގެ ރިޕޯޓް މިރޭ ލިބުމާ އެކު ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނުވެ، އެ ސަރަހައްދަށް ވަޑައިގެން ހާލަތު ބައްލަވާލައްވާފައެވެ. އެ މަނިކުފާނާ އެކު، ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުއްރަހީމް ޢަބްދުއްލަތީފު ވެސް އެ ސަރަހައްދަށް ވަޑައިގަތެވެ.

އެނގިފައިވާ ގޮތުގައި ރޯވެފައިވާ ގެއަކީ ގިނަ ދުވަސްވެ، ބާވެފައިވާ އިމާރާތެކެވެ. އެތަން ބޮލަށް ވެއްޓެން ގާތްވެފައިވާއިރު، އެ ތަނުގެ ތެރޭގައި މީހުން ގާނޫނާ ޚިލާފި ކަންކަން ކުރާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޅުކޮށްފައިވެއެވެ.
ފުލުހުން ބުނީ، ރަބީއުވިލާ ގެ އަށް ލިބުނު ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި، ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ މަގު އާންމު ދަތުރުފަތުރަށް ބަންދުކޮށްފައިވާ ކަމަށެވެ.
"އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ވެސް އެ މަގުގައި ހިނގައިބިނގާވެ އުޅޭ އިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރެއްވުމަށް ދަންނަވަން،" ފުލުހުން ބުންޏެވެ.