11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއެއް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ނިމި އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ، ހއ.އިހަވަންދޫ އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެތެރެއިން ފަސް އައިސް ޕްލާންޓަކަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ކަމަށެވެ. އަދި ބާކީ ހަ ޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހަރަދުގައި ކަމަށެވެ.
ވުޒާރާއިން ބުނީ 11 ރަށުގެ އައިސް ޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ކަމަށެވެ.
މިފްކޯއަކީ ސަރުކާރުން މީގެ ކުރިންވެސް ހިންގާފައިވާ އައިސް ޕްލާންޓު ގާއިމްކުރުމުގެ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކީގައި ނިންމާފައިވާ ކުންފުންޏަކަށްވާތީ، މި މަޝްރޫއުތައް ކާމިޔާބުކަމާއެކީގައި ނިންމާލުމަށް ކުރަންޖެހޭ ކަންކަން އެ ކުންފުންޏާ ގުޅިގެން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވޭނޭ ކަމަށެވެ.
ސަރުކާރުން މުޅިން އަލަށް 11 އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށާއިރު، މިހާރު ގާއިމްކުރެވިފައިވާ ބައެއް އައިސް ޕްލާންޓުތަކުން ހިދުމަތް ދިނުމުގައި ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްތައް ވެސް މިފްކޯ ގުޅިގެން ދަނީ ކުރެވެމުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.
އޭގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮަޕަރޭޓް ކުރަމުންދާ އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށެވެ.
ސަރުކާރުން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރު 11 އައިސް ޕްލާންޓެއް އައުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ގާއިމްކުރެވިފައިވާ އައިސް ޕްލާންޓުތަކުގެ ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނޭކަމެއް ކަމަށް ވުޒާރާއިން ބުންޏެވެ.