ލ. މާވަށުގެ ބިން ހިއްކުމުގެ މަޝްރޫޢަށް 15 ހެކްޓަރު އިތުރުކޮށް ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ ލ. މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމުގައެވެ. އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަޙައްދު ހިމާޔަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިޔަށްދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި 50 މިލިޔަނުން ފެށިގެން މަތީގެ ޚަރަދުތައް ހިނގާ ބޮޑެތި މަޝްރޫޢުތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދާނެކަމަށާއި އެގޮތުން އެފަދަ ބައެއް މަޝްރޫޢުތައް ޖުލައި މަހާ ހިސާބުގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މާލަސްތަކެއްނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށޭނެކަމަށާއި އަދި މާވަށުގެ މަގުތައް ހެދުމާއި އެނޫންވެސް ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން އެދޭގޮތަށް ކުރިޔަށްގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.