Shaheem
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް

ޔަތީމު ކުދިންނަށް ޒަކާތު ހައުސްއިން މާލީ އެހީއެއް ހަމަޖައްސައިދެނީ

ޔަތީމު ކުދިންނަށް މާލީ އެހީ ލިބޭނެ ނިޒާމެއް ޒަކާތު ހައުސް މެދުވެރިކޮށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު އެކަން ހާމަކުރެއްވި މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

ޝަހީމް ވިދާޅުވީ، އެ ނިޒާމުގެ ދަށުން ޔަތީމު ކުދިން ބޮޑު ވަންދެން ކޮންމެ އަހަރަކު ޒަކާތު ހައުސް މެދުވެރިކޮށް އެކުދިންނަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

"ޒަކާތު ހައުސް" އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޢުދެކެވެ. އެއީ އިސްލާމީ ޝަރީއަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމުކުރެވޭ ޒަކާތާއި ޞަދަގާތުގެ ޢަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ ދަށުން އެކުލަވާލެވިފައިވާ އިދާރާއެކެވެ.

އެ އިދާރާ ގާއިމުކުރުމުގެ ބޭނުމަކީ ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކޮށް އެ ނިޒާމު ހަރުދަނާ ކުރުމެވެ. އެ ފަންޑަށް ޖަމާވާ ފައިސާ މެދުވެރިކޮށް ރާއްޖޭގައި ތިބި ފަގީރުންނާއި ޔަތީމުންނަށް މެދު ކެނޑުމެއްނެތި ޚަރަދުކުރުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައިއެވެ.

މި ފަންޑު އެކުލަވާލުމަށް ފަހު އެ އިދާރާއިން ދަނީ އެކި ކަންކަމުގައި އެހީ ފޯރުކޮށްދެމުންނެވެ.

advertisement
ހިޔާލު ދެއްވާ!