މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިޔޯއެއްގައި ކުޑަކުދިންތަކަކަށް ޒަކާތް ޙައްޤުނުވާކަމަށް ޑރ. ޝަހީމް ބުނެފައިވާކަމަށްބުނެ އެމަނިކުފާނުގެ ބޮލުގައި އަޅުވާފައިވަނީ ދޮގު އިލްޒާމެއްކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯ ޓެގްކޮށް ޑރ. ޝަހީމް އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި "މި އަންހެން މީހާ އަޅުގަނޑާ ޙަވާލާދީ، އޭނަގެ ކުޑަކުދިންނަށް ޒަކާތް ޙައްޤުނުވާކަމަށް އަޅުގަނޑު ބުނިކަމަށްބުނެ ހަދާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް" ކަމަށް ލިޔުއްވާފައިވެއެވެ.
"އަޅުގަނޑާ ދިމާވި މީހެއްވެސް ނޫން. އެފަދަ ވާހަކައެއް އެމީހާ ގާތު ބުނެފައެއްވެސް ނުވާނެ." ޝަހީމް އިތުރަށް ވިދާޅުވިއެވެ.
"މިކުދިން ވިހޭއްސުރެ މިކުދިންނަށް ލިބޭ އެއްޗެއް ޒަކާތް މީ. މިފަހަރު މިކުދިންނަށް ޒަކާތް ހައްގު ނުވެއޭ ޝަހީމް ބުނީ" މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިޔޯގައި އެ އަންހެން މީހާ ބުނެއެވެ.
ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ ފަޤީރުންގެ ދަފްތަރު ބަލަހައްޓަނީ އެކަމާބެހޭ އުޞޫލުތަކުގެ ތެރެއިން މޯލްޑިވްސް ޒަކާތު ހައުސް އިން ކަމަށާއި ފަޤީރުންގެ ދަފްތަރުގެ ކަންކަމަކީ ވަކި ނިޒާމެއްގެ ދަށުން އަބަދުވެސް ހިނގާ ކަންކަން ކަމުގައެވެ.
ދަފްތަރުގައި ނުހިމެނޭ މީހެއްނަމަ ޝަކުވާ ހުށައަޅަން އޮންނަ ނިޒާމުގެ ތެރެއިން ޝަކުވާ ހުށައެޅުމުން އެކަން ބަލައި ޑޮކިޔުމެންޓެއް މަދުވެފައިވާނަމަ ނުވަތަ އިޞްލާޙުކުރަންޖެހޭ ކަމެއް އޮތްނަމަ އެކަން ރަނގަޅުކުރަން ފުރުޞަތު ދޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ދޮގު ވާހަކަދައްކައިގެން ސިޔާސީގޮތުން ރައީސް ނުވަތަ މިނިސްޓްރީ ބަދުނާމު ކުރަނީ އެހެން މަޤްޞަދެއްގައިކަމަށާއި، އެއްވެސް މީހަކަށް ބޭއިންސާފެއް ނޯންނާނެކަމަށާއި އެއްވެސް މީހަކަށް މަކަރާ ހީލަތް ހަދައިގެން ޒަކާތުން ފައިސާ ނުދޭނެ މިންވަރަށް ނިޒާމު ވަނީ ހަރުދަނާ ކުރެވިފައިކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"މިއަންހެންމީހާ މިބުނާ ކުދިންނާ ބެހޭ ވާހަކަ މިނިސްޓްރީ އިން ބަލާނަން. މިކަމުގައި އެކުދިންނަށް ބޭއިންސާފެއް ވާނަމަ އެކަން ރަނގަޅުކުރަން އަންގާނަން." ފޭސްބުކް ޕޯސްޓްގައި ޝަހީމް ލިޔުއްވާފައިވެއެވެ.
ޑރ. ޝަހީމް ގެ ޕޯސްޓް ނިންމަވާލެއްވީ އެއަންހެންމީހާއަކީ ކާކުކަން އެނގޭ ފަރާތެއްވާނަމަ އެމަޢުލޫމާތު ޙިއްސާކުރައްވަން އެދިވަޑައިގަންނަވަމުންނެވެ.