ފިނޭންސް މިނިސްޓަރ ޝަފީޤް. ފޮޓޯ: ރައީސް އޮފީސް

ފިނޭންސުން ބަދަލު ދިނީ ކުރީގެ ސަރުކާރުގެ އެއްބަސްވުންތަކަށް: ފިނޭންސް މިނިސްޓްރީ

ދައުލަތުން މި އަހަރު ބަދަލުގެ ގޮތުގައި ދޫކުރި ފައިސާއަކީ މިދިޔަ ސަރުކާރުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ބަދަލު ދެމުން އަންނަނީ ކުރީގެ ސަރުކާރުގައި ބައެއް ޕޭމެންޓްތައް ދޫކޮށްފައިވާ ފަރާތްތަކަށެވެ.

ފިނޭންސުން ބުނީ މި ސަރުކާރުގައި ބަދަލުގެ ގޮތުގައި އާ ބަޔަކަށް ފައިސާ ދޫކޮށްފައިނުވާނެ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ފައިސާ ދޫކުރުމާއި ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ ލަފާ ހޯދާފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ބަދަލުގެ ގޮތުގައި ފައިސާ ދޫކުރަމުންދަނީ އެ ފައިސާ ދޫކުރުން ލަސްކޮށްފިނަމަ ބޮޑު އިންޓްރެސްޓެއް އަރާނެތީއެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މާޗް 21 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި މި މިންވަރަށް ދޫކުރުމުން، ދައުލަތުގެ ބަޖެޓުގައި މިއަހަރު ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ 101 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ދޫކުރެވުނީއެވެ.

ބަދަލުގެ ގޮތުގައި ދޫކުރުމަށް މިދިޔަ އަހަރުވެސް ބަޖެޓުގައި ހިމެނީ 101 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ ދީފައިވާކަން ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ދައުލަތުން މި އަހަރު ބަދަލުގެ ގޮތުގައި ދޫކުރި ފައިސާއަކީ މިދިޔަ ސަރުކާރުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރިނަމަވެސް، ބަދަލުގެ ގޮތުގައި ފައިސާ ދިނީ ކޮން ބަޔަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.

advertisement
ހިޔާލު ދެއްވާ!