ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ދިޔަރެސް

ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އޮންނަންޖެހޭ: ރައީސް

ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އޮންނަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ލ. އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެއަރޕޯޓު އޮންނަން ޖެހޭނީ އަތޮޅުގެ ކޮން ރަށެއްގައިތޯ ސަރުކާރުން ބަލަމުންދާ ކަމަށާއި ދިރާސާތައް ކުރަމުންދާ ކަމަށެވެ. އަދި ގޮތެއް ނިންމަވާނީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ އަތޮޅަށް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށާއި އިތުރު އިންވެސްޓަރުން ވެސް ގެންނަންޖެހޭ ކަމަށެވެ.

ހަމައެހެންމެ އެ މަސައްކަތުގެ ދަށުން ސަރުކާރުން އިންވެސްޓަރުންނާ ބައްދަލުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަރައްޤީއާއި ފުދުންތެރިކަން ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ހާމަކުރައްވާ ރައީސް ވިދާޅުވީ ހަލުވި ދުވެލީގައި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ދުވަހެއް ބޭކާރު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަހަރުގެ ވައުދުތަކުން ފުއްދަން ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑު ބަޖެޓްގައި ހިމެނިން. އެކަމަކު ފާސްކުރީ ވަރަށް މަދު މަޝްރޫއުތައް ހެދޭ ވަރަށް. މެއި މަހު ބައެއް މަޝްރޫއުތައް ފަށަން ބޭނުން ވިޔަސް އެކަން ކުރެވޭނީ އަހަރުގެ ފަހުކޮޅު." ރައީސް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!