މިއިން ޒަމާނަކު ރާއްޖޭގެ އިޤްތިސާދީ ކަންކަމާ މެދު ރައީސްއަކު ނުވިސްނާ މިންވަރަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިސްނަވާކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޖީހު މިފަދައިން ވިދާޅުވީ ރައީސް ލ. ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑަށް ޤަބޫލުކުރެވެނީ މިއިން ޒަމާނަކު ރާއްޖޭގެ އިޤްތިސާދީ ކަންކަމާމެދު ރައީސަކު ނުވިސްނާ މިންވަރަށް ރައީސް ޑރ. މުއިއްޒު ވިސްނަވާކަން، ރައީސް އަކީ އިޤްތިސާދީ މާހިރެއް. ރާއްޖެ އޮތް ސަރަހައްދަކީ ރެއަކާ ދުވާލު އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރި ދައުރުވަމުންދާ ތަނެއް. ނަމަވެސް އޭގެ ބޭނުން އެއްވެސް ސަރުކާރަކުން މިހާތަނަކަށް ހިފާފައެއް ނުވޭ، އެކަމާއި ވިސްނެވީ ވެސް އެންމެ ފުރަތަމަ ރައީސް" ވަޖީހު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވާނެ ކަމަށާއި ރައީސްގެ އިޤްތިސާދީ އެޖެންޑާގައި މުހިންމު ކަންތައްތައް ހިމަނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަކީ ރާއްޖެއަށް އިޤްތިސާދީ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއްކަން ވަހީހު ފާހަގަކުރެއްވިއެވެ.
މެރިންޓައިމް ހަބްގައި މައިގަނޑު 6 ބައެއް ވާނެކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން ލ. ގާދޫގައި ގާއިމުކުރެވޭނެ އޮފް ޝޯ ބަންކަރިން އަކީ ސަރަހައްދުން ދަތުރުކުރާ ބޯޓުތަކަށް ހިދުމަތްދޭނެ ބަންކަރިންއެއް ކަމަށެވެ،
އަދި ކްރޫޒް ޓާމިނަލް ޤާއިމުކުރެވުމުން ފިހާރަތަކާއި ކެފޭތަކާ ރެސްޓޯރެންޓްތައްވެސް ޤާއިމުކުރެވިގެންދާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.