ދައުލަތުގެ ދެ ކުންފުންޏަކުން ކޮވިޑުގެ ދުވަަސްވަރު ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ދޫކޮށްފައިވާ ލޯނުތަކަށް އަރާފައިވާ އިންޓަރެސްޓް މާފުކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިޢުލާނުކުރައްވައިފިއެވެ.
ލ. ފޮނަދޫގައި މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުތަކުގެ އިންޓަރެސްޓު މާފުކުރުމަށް އެދި ސަރުކާރު ހުޅުވުމުން ހުށަހެޅޭނެ ކަމަށް ވިދާޅުވެފައެވެ.
"މިދިޔަ ސަރުކާރުން ދެއްކި ވާހަކައަކީ އެ އިންޓްރެސްޓް މާފުކުރާނަމޭ. އެކަމަކު ނުކުރޭ. ނުކޮށް ވެރިކަން ބަދަލުވީ. (ސަރުކާރާ) ހަވާލުވެފައި ކޮވިޑު ލޯނު ނެގި ފަރާތްތަކުގެ އިންޓްރެސްޓު މާފުކުރަން މިދިޔަ ހަތަރު މަހު މަސައްކަތް ކުރެވިފައި ވަނީ," ރައީސް ވިދާޅުވިއެވެ.
އެކަމަށް އެދި ހުށަހަޅާ ފަރާތްތަކާ އެކު އެގްރީމެންޓެއް ހަދައި އިންޓްރެސްޓު މާފުވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
އެސްޑީއެފްސީ މެދުވެރިކޮށް 2،117 ވިޔަފާރިއަކަށް 362.3 މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށް އޭރު ހާމަކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.