ލ. ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރައީސް މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ މުހައްމަދު މުއިއްޒު ބޭއްވި ޖަލްސާގައި މިއެއްބަސްވުމުގައި ސަރުކާރުން ސޮއިކުރެއްވީ ޗައިނާ ކުންފުންޏަކާއެކުއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމްއެވެ. ޗައިނާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވޭވޭއެވެ.
މިމަޝްރޫޢުގެ ދަށުން މުޅިއެކު 6 މަސައްކަތެއް ކުރުމަށް ވަނީ ނިންމާފައެވެ. އެއީ އޮފް ޝޯ ބަންކަރިން ޚިދުމަތް ފެށުމާއި، ކުރޫޒް ޓާމިނަލެއް ތަރައްޤީކުރުމާއި، ސުޕަރ ޔޮޓް މެރީނާއެއް ތަރައްޤީކުރުމާއި، ގާދޫ އިކޯ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމާއި، މި ސަރަހައްދުގައި އުފައްދާ ކާބޯތަކެތީ ރައްކާ ކުރުމަށް ސްޓޯރެޖް ފެސިލިޓީއެއް ހެދުމާއި، ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްޤީ ކުރުމެވެ.
MoU signing ceremony for the development of the Laamu Maritime Hub. pic.twitter.com/RLrDh2y82f
— The President's Office (@presidencymv) April 11, 2024
މި މަޝްރޫޢުގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ލިބިގެންދާއިރު، މިއީ ދުނިޔޭގެ އިރުން ހުޅަނގަށް އަދި އިރުން ހުޅަނގަށް ކަނޑުމަގުން މުދާ ގެންދާ އެންމެ މައިގަނޑު އެއް ރޫޓުކަން ފާހަގަކޮށްލެވެއެވެ.
މަޝްރޫޢުގައި ހިމެނޭ ކްރޫޒް ޓާމިނަލްގައި ކަސްޓަމްސް އާއި އިމިގްރޭޝަނާއި ޑިއުޓީ ފްރީ ހިމެނޭނެއެވެ. އަދި ލ. އަތޮޅުގެ ރަށްތަކަށް ދެވޭ ޝަޓަލް ހަބެއް ގާއިމުކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުނެ އެވެ.
އަދި އިކޯ ޓޫރިޒަމް ރިސޯޓެއްގެ ގޮތުގައި ގާދޫ ތަރައްގީ ކުރާއިރު ގާދޫއަކީ ހިމާޔަތްކޮށްފައި އޮންނަ ރަށަކަށްވާތީ، އެތަނުގެ މުވައްޒަފުން ބޭސްވެފައި ތިބޭނީ ލ. ފޮނަދޫގައި ކަމަށް އެމްޕީއެލްއިން ބުނެ އެވެ. މި ރިސޯޓު ތަރައްގީ ކުރާނީ ގާދޫ އާއި ފޮނަދޫއާއި ދޭތެރޭ އޮންނަ ފަޅުގަ އެވެ. އެ ރަށުގައި މި މަޝްރޫއު ހިންގާއިރު ގާދޫގެ 80 ޕަސެންޓުގައި އަތްނުލާނެ ކަމަށާއި އަދި ހިމާޔަތް ކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުނެ އެވެ.
މިމަޝްރޫޢަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން އޮތް މަޝްރޫއުއެކެވެ.
މި މަޝްރޫޢުއާއި ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، މަޝްރޫޢު މަސައްކަތް ފެށުމުގެ ކުރިންވެސް މި މަސައްކަތް ފެށުމަށް ބޭނުންވާ މާކެޓު ހޯދުމުގެ މަސައްކަތް އެކުންފުނިން މިހާރުވެސް ފަށާފައިވާ ކަމަށެވެ.