ހައްދުންމަތީ ކައްދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
ރައީސް މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ މުހައްމަދު މުއިއްޒު ބޭއްވި ޖަލްސާގައި މިއެއްބަސްވުމުގައި ސަރުކާރުން ސޮއިކުރެއްވީ ޗައިނާ ކުންފުންޏަކާއެކުއެވެ.
ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތޮލިބުއެވެ. ސީއޭއެމްސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖާ، ލީ ވެއިވެއެވެ.
ކައްދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިހާރު ވަނީ އެއަރޕޯޓު ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި، ހިއްކާ ސަރަަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފައެވެ.
ކައްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މި އެއަރޕޯޓް ތަރައްޤީކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ކައްދޫ އެއަރޕޯޓް ޑިވެލޮޕްމަންޓް ކޮމްޕެނީގެ ދަށުގައި އޮތުންކަމަށްވާތީ، ރައީސް ވަނީ ކައްދޫ އެއަރޕޯރޓް ރީޖަނަލް އެއަރޕޯޓްސްގެ ދަށަށް ބަދަލުކޮށްފައެވެ.
ކައްދޫ އެއަރޕޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ތަރައްްޤީކުރި ޑޮމެސްޓިކް އެއަރޕޯޓެވެ. އެ އެއަރޕޯޓް ތަރައްޤީކޮށް ހުޅުވާފައިވަނީ 6 ޑިސެމްބަރު 1986 ވަނަ އަހަރުއެވެ.