Adhurey
ރައީސްގެ ޚާއްޞަ މުޝީރު ޢަބްދުއްރަޙީމް ޢަބްދުﷲ

ރައީސް ހައްދުންމަތި ތަރައްޤީކުރައްވާނީ އެންމެ އުހުގައި އޮންނަ ވަރަށް: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު, ހައްދުންމަތި އޮންނާނީ ރާއްޖޭގެ ތަރައްގީގެ އެންމެ އުހުގައި ކަމަށް އެމަނިކުފާނުގެ އިސްމުޝީރު ޢަބްދުއްރަޙީމް ޢަބްދުالله މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ މުހައްމަދު މުއިއްޒު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ, މި ވެރިކަމުގައި ހައްދުންމަތީގެ ތަރައްގީއާ މެދު އޭނާގެ ހިތުގައި އެއްވެސް ސުވާލެއް އަދި ޝައްކެއްވެސް ނެތް ކަމަށެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ޑޮމެސްޓިކް އެއާޕޯޓު އޮތީ އެ އަތޮޅު ކައްދޫގައިކަން ފާހަގަކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ, ކައްދޫ އެއާޕޯޓު މިއަދާ ހަމައަށް ވެސް އޮތީ އެ ތަން ހުޅުވިއިރު އޮތް ގޮތަށް އެއްވެސް ތަރައްގީއެއް ނުގެނެވި ކަމަށެވެ. މިހާތަނަށް އައި ހުރިހާ ވެރިކަމެއްގައިވެސް ކައްދޫ އެއާޕޯޓު އޮތީ ތަރައްޤީން އެކަހެރިކޮށްލާފައިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ, އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ބަދަލުކުރައްވާނެ ކަމަށެވެ.

ޢަބްދުއްރަޙީމް އިޝާރާތް ކުރެއްވީ މިރޭ ސޮއިކުރެވުނު އެއަރޕޯރޓް ތަރައްޤީކުރުމުގެ އެއްބަސްވުމަށެވެ.


"ކައްދޫ އެއާޕޯޓަށް މިހާތަނަށް އައި ތަރައްގީއެއް ކުރިއެރުމެއް ނެތް. އެ ތާރީހު ބަދަލުކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު," އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ, މާދަމާގެ ލޮލުން ބަލާއިރު, ހައްދުންމަތި މުޅި އަތޮޅު ފެންނަނީ މުޅި ރާއްޖޭގެ ތަރައްގީގައި ވެސް އުހުގައިވާ މަންޒަރު ކަމަށެވެ.

"ހައްދުންމަތި އޮންނާނީ ދިވެހީންގެރާއްޖޭގެ ތަރައްގީގެ އެންމެ އުހުގައި, މުޅި ހައްދުންމައްޗަށް އެކީގައި ތަރައްގީ ގެންނަން މި މަސައްކަތް ކުރެވޭނެ." އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ތަރައްގީ ހާސިލްކުރެވޭނީ ރައްޔިތުން އެކަން ބޭނުންވެގެން ކަމަށާއި ރައީސަށް އެ މަގުފަހިކޮށްދޭން ލ. އަތޮޅުގެ ހަތަރު މަޖިލިސް ދާއިރާއަށް ސަރުކާރު ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށެވެ.

އޭރުން ރައްޔިތުން އެދޭ އަދި ދެކޭ މިންވަރަށް ހައްދުންމަތި ތަރައްގީކޮށް, މިހާރު ބުނަން ނޭނގޭހާ ވެސް ފައިދާވާ ގޮތަށް މުޅި ހައްދުންމައްޗަށް މަންފާ ގެނެސްދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ގާދޫ ޕޯޓު މަޝްރޫއު އަލި އަޅުއްވާލައްވައި އަބްދުއްރަހީމް ވަނީ މިފަދަ އިންގިލާބީ ބަދަލުތައް މި އަތޮޅަށް ގެންނަވަން ނިންމެވީތީ ރައީސަށް ޝުކުރު އަދާކުރައްވައިފައެވެ.

"އަތޮޅުތަކުގެ ތެރެއިން އެންމެ ފުރުސަތު ބޮޑު އަތޮޅު ކަމަށް ގަބޫލުކުރައްވާ އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މިފަދަ ޕްރޮޖެކްޓުތަކެއް ފައްޓަވައިދެއްވާތީ މަރުހަބާ ދަންނަވައި ޝުކުރު އަދާކުރައްވަން," އޭނާ ވިދާޅުވިއެވެ.

ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އޭނާ ވިދާޅުވީ, އިދިކޮޅުން ދައްކަމުން އަންނަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށާއި އެކަންކަން އަމަލުން ދައްކަވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަން ދަމަހައްޓަން އޭނާ އަބަދުވެސް ސާބިތުވެ ހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"މަނިކުފާނުގެ ވެރިކަން ދެމެހެއްޓުމަށް އެކަކު ސާބިތުވެ ހުރިއްޔާ އެއީ އަޅުގަނޑު. މުޅި ހައްދުންމަތި އޮތީ އެގޮތުގައި." އަބްދުއްރަހީމް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!