ލ.ފޮނަދޫގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ދެން މީޑިއާ

ފޮނަދޫ ހިމެނޭނީ ތަރައްޤީކުރެވޭ 7 އާރބަން ސެންޓަރުގެ ތެރޭގައި: ރައީސް

ލ. ފޮނަދޫ އަކީ މި ސަރުކާރުން ތަރައްގީކުރުމަށް ނިންމަވާފައިވާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ މުހައްމަދު މުއިއްޒު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ހާސިލްވާ ގޮތަކަށް ކަންކަން ކުރުން ކަމަށާއި، މި ސަރުކާރުގެ މާސްޓަ ޕްލޭނާ އެއްގޮތަށް ހަތް އާބަން ސެންޓަރު ގާއިމުކުރައްވާނެ ކަމުގައެވެ. އަދި އެ ސެންޓަރުތަކުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ހިދުމަތްތައް ދެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އާބަން ސެންޓަރެއްގެ ގޮތުގައި ފޮނަދޫ ތަރައްގީ ކުރެވޭއިރު، ގެދޮރުވެރިކަމުގެ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އިތުރަށް ބިން ހިއްކައި، ހައުސިންގެ ބިޔަ ބޮޑު މަޝްރޫއުއެއް ހިންގުމަށް ނިންމާފައިވާނެކަން ރައީސް އިއުލާން ކުރެއްވިއެވެ.

"ސަރުކާރުގެ ސިޔާސަތަކީ ދެމެހެއްޓެނިވި ތަރައްގީ ހާސިލްވާނީ އާބާދީ ކޮންސެލިޑޭޓް ކުރެވިގެން. އެއީ މަޖުބޫރުން ކުރާނެ ކަމެއް ނޫން. ހިތާއި ރުހުމުން، ދުރު ރާސްތާއަށް ވިސްނާ އަމިއްލަޔަށް ހިޔާރު ކުރާނެ ކަމެއް އާބާދީ އެއްފަސްވުމަކީ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފޮނަދޫ, އުމްރާނީ ގޮތުން ތަރައްގީކުރެވި، ވަޒީފާގެ ފުރުސަތުތަކާއި، ސިއްހީ ނިޒާމް ވަރުގަދަ ކުރެވުމުންނާއި، ތައުލީމީ ނިޒާމް ކުރިއަރައި ގެދޮރު ލިބޭ ކަމަށް ވަނީނަމަ އަމިއްލަޔަށް ބޭނުންވެގެން މީހުން އެރަށަށް ބަދަލުވާނެ ކަމަށެވެ.

އާބަން ސެންޓަރެއްގައި ހުންނާނެ ހުރިހާ ހިދުމަތްތަކެއް އެރަށުގައި ގާއިމްކުރެވިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން، އެރަށުގައި ދެ ޔުނިވާސިޓީއެއްގެ ކެމްޕަސް ގާއިމްކުރެވިގެންދާނެ ކަމަށާއި، ލެންގުއޭޖް ލާނިންގް ސްކޫލަކާއި އޮފީސް ކޮމްޕްލެކްސް އިމާރާތެއް ގާއިމްކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ފޮނަދޫގެ މަގުތަކުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށާއި އެރަށުގެ ބަނދަރަކީ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރެވި، މުދާ އަރުވާ ބޭލޭ ރީޖަނަލް ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ފޮނަދޫ ތަރައްގީ ކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ކައްދޫގެ ބައެއް ފަތުރުވެރިކަމަށް ހާއްސަކޮށް، ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކައިރީގައި ވެސް ރިސޯޓް ތަރައްގީކޮށް، އެއަތޮޅަށް ޓޫރިޒަމް މަޝްރޫއުތައް ގެނައުމަށް ނިންމާފައި ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ޓޫރިޒަމް މިނިސްޓްރީން އެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މި ޕްލޭންއާއި އެއްގޮތަށް މަސައްކަތް ނިމުމުން، އެންމެ ބޮޑަށް ތަރައްގީގެ މިންވަރު ހާސިލްކުރެވިފައިވާ އަތޮޅަކަށް އެ އަތޮޅު ވެގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި މި ލަނޑުދަނޑި ހާސިލްކުރެވެންދެން އެންމެ ކުޑަ ރަށަށް ވެސް އެ ރަށަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

advertisement
ހިޔާލު ދެއްވާ!