ސައުދީ ސުޕާ ކަޕުގެ ފައިނަލުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދު ބަލިކޮށް އަލް ހިލާލުން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
އަލް ހިލާލުން މި މެޗު ކާމިޔާބު ކޮށްފައިވަނީ 4-1 އިން އަލް އިއްތިހާދުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މެޗު ފަށައިގެން ވަރަށް ކުރީ ކޮޅު އަލް ހިލާލުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަލްކޮމެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި އަލް އިއްތިހާދުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަލް ހިލާލުން ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން މެޗުގައި ލީޑު ނަގާފައެވެ. މި ލނަޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަލީމް އައް ދައުސަރީއެވެ. މި ހާފު ނިމިފައިވަނީ މި ނަތީޖާގައި 2-1 އިން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ދެ ޓީމުންވެސް ވަނީ ކުޅުން ރަނގަޅު ކޮށް ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް އަލް ހިލާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި މަލްކޮމެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ވަނީ ހަތް މިނެޓު ދައްކާފައެވެ. ލިބުނު ވަގުތުގެ ބޭނުން ހިފާ އަލް ހިލާލުން ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަސީރު އައް ދައުސަރީއެވެ.
2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި ސައުދީ ޕްރޯ ލީގު އަދި ކިންގްސް ކަޕުގެ ޗެމްޕިއަނުން ވާދަކުރި ނަމަވެސް މިހާރު ވާދަ ކުރާ ގޮތަށް އޮންނަނީ އެ ދެ މުބާރާތުގެ ޗެމްޕިއަނުންނާއި ރަނަރަޕުންނެވެ. މިގޮތުން މިފަހަރުގެ މުބާރާތުގައި ވާދަ ކުރީ އައް ނަސްރާއި އަލް ވަޙްދާ އާއި އަލް އިއްތިހާދު އަދި އަލް ހިލާލެވެ.
ސައުދީ ސުޕާ ކަޕުގައި އެންމެ ކާމިޔާބު ޓީމެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ އަލް ހިލާލެވެ. އަލް ހިލާލުން ވަނީ ހަތަރު ފަހަރު މަތިން މި މުބާރާތުގެ ތަށި ހޯދާފައެވެ. ދެވަނައަށް އެންމެ ގިނަ ފަހަރު މި ތަށި ހޯދާފައިވަނީ އައް ނަސްރެވެ. އެ ޓީމުން ތަށި އުފުލާލީ ދެފަހަރުއެވެ.