ވެރިކަމާއި ޙަވާލުވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ މާ ރަނގަޅަކަށް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރުގެ މަޝްރޫޢުތައް ހިނގަމުންދަނީ އެމަނިކުފާނުގެ ވެރިކަމުގައި ހޯދި ފައިސާއިން ކަމަށާއި ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރުވެސް ރާއްޖޭގެ މާލީ ހާލަތު އޮތީ މާ ރަނގަޅަކަށް ނޫން ކަމަށެވެ.
އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވި ފައިސާ ނުލިބުނު ނަމަ، ދަތި ހާލަތަކަށް ޤައުމުގެ ކަންކަން ދިޔައީސްކަމަށެވެ.
ރައީސް ޞާލިހު ވިދާޅުވީ އެންމެ ފުރަތަމަވެސް ކުރެއްވިކަމަކީ ބޭނުންވި ފައިސާ ހޯދުން ކަމަށާއި ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ ގްރާންޓްގެ ގޮތުގައި 200 މިލިއަން ޑޮލަރު ހޯއްދެވި ކަމަށެވެ.
ހަމައެހެންމެ ކޮންސެޝަނަލް ފައިނޭންސްގެ ގޮތުގައި 500 މިލިއަން ޑޮލަރު ހޯއްދެވި ކަމަށާއި ނަމަވެސް މިއަދު ފެނިވަޑައިގަންނަވަނީ ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީން "ރީސައިކަލް ބިން" އަށް އަޅާފައިހުރި އެގްރީމެންޓުތަކުގައި ސޮއިކުރާ މަންޒަރު ކަމަށެވެ.
މިސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއިން ކޮންމެ ކަމަކުންވެސް ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި، އޮޅުވާލުމެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.