ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލީ ޒިންމާތައް އަދާ ކުރައްވާތަން ފެނުމުން އުފާ ކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ "އެކްސް" ގައި ނަޝީދު ގެންގުޅުއްވާ "އަނެއް ދިވެހިރާއްޖެ" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މި އަހަރުގެ އޭޕްރީލް މަހާ ހިސާބަށް ދިޔަ އިރުގައި ބަޖެޓް ހުރީ ސާޕްލަސްގައި ކަމަށާއި މިއީ ނުފެންނަތާ ވަރަށް ގިނަ ދުވަސްވީ ކަމެއް ކަމަށެވެ.
އަދި ބައެއް މީހުންނަށް ބޮޑު މަންޒަރު ނުފެންނާތީ ހައިރާން ވެވަޑައިގަންނަވާ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ލ. މާވަށުގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
"މާ ބޮޑެތި ނޫން މަޝްރޫއުތައް މިހާރު ހުންނާނީ ގިނަ ރަށްތަކުގައި ފެށިފައި، އަލަށް ވެސް. މިއީ ޖުމްލަކޮށް އަޅުގަނޑު މުޅި ރާއްޖެއަށް ދަންނަވާ ވާހަކައެއް. މި ރަށުގައި ވެސް ކުދި މަޝްރޫއެއް ވެއްޖެއްޔާ ފެށޭނެ. ބޮޑެތި މަޝްރޫއުތައް، ބިން ހިއްކުން، ބަނދަރު ހެދުން، މަގު ހެދުން، މިހާރު އަހަރު މެދަށް މިދަނީ. ޖޫން، ޖުލައި ހިސާބުގައި މި ސްކޭލްގެ މަޝްރޫއުތައް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ލ. މާވަށުގައި ރައީސް ޑރ. މުއިއްޒު ވާހަކަ ފުޅުދައްކަވަމުން ވިދާޅުވިއެވެ.