ހުޅުމާލޭ މިސްކިތެއްގައި ބަޔާކު ނަމާދު ކުރަނީ ފޮޓޯ: ރިވާޔާ ނިއުސް

ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހަދަންޖެހޭ: ހުކުރު ޚުޠުބާ

މިޤައުމު މިއަދު މިވަނީ، ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި ކަމަށާއި، މިމަސައްކަތްތައް ކާމިޔާބުވާނީ ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހެދިގެންކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ" ދަރީން ނަމާދަށް އަހުލުވެރިކުރުވުން" މިއެވެ.

މިއަދުގެ ޚުޠުބާގައި ބުނެފައިވަނީ ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި، އެދެމީހުންނާ މާތް الله سُبْحَانَهُ وَتَعَالَى ޙަވާލު ކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހޭ ކަމަށާއި، މުސްލިމަކަށްވުމަށް ބޭނުންވާ މައިގަނޑު ޝަރުޠަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާކުރުން ކަމަށެވެ. އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށް ކަމަށާއި ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީ ހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަމެއްކަމުގައެވެ.

"ލޮބުވެތި މައިންބަފައިންނޭވެ! އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް" މިއަދުގެ ހުކުރު ޚުޠުބާގައިވެއެވެ.

ޚުޠުބާގައި ބުނީ އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެކަމެއް ކަމަށާއި އެންމެ ފުރަތަމަ ނަމާދުގެ ޙަރަކާތްތައް ކުއްޖާ ދަސްކުރާނެ ކަމަށެވެ. އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުޢާތައް ކިޔަން މަސައްކަތް ކުރާނެ ކަމަށެވެ.

"ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ނަމާދު ކުރުން ކަމުގައި ހަދަން ޖެހެއެވެ. ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި، ނަމާދަށް ޝައުޤުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެކެވެ" މިއަދުގެ ހުކުރު ޚުޠުބާގައި ވެއެވެ.

ނަމާދަކީ ތިމާކުރަންޖެހޭ އެހެން ހުރިހާކަމެއް ނިމުމުން ކުރަންޖެހޭ ކަމެއްކަމުގައި އިޙްސާސްކުރެވޭގޮތަށް ދަރިންނަށް މަގު ދައްކައިގެން ނުވާނެކަމަށާއި، ބަރާބަރަށް ނަމާދުކުރުމަކީ މީހާގެ ޢަމަލުތައް ސީދާވުމަށް ލާޒިމުކަމެއްކަން ނަބަވީ ސުންނަތުން ސާބިތުވާކަމަށްވެސް މިއަދުގެ ޚުޠުބާގައިވެއެވެ.

advertisement
ހިޔާލު ދެއްވާ!