ހިޔާލުފާޅުމުގެ މިނިވަންކަން ނިގުޅައިގަނެ، އެއްވެ އުޅުމާ ސިޔާސީ ހަރަކާތްތަކަށް އެންމެ ބޮޑަށް ހުރަސް އަޅާފައި ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށާއި މިއަދު އިދިކޮޅުގައި އޮވެ ސަރުކާރަށް އަމާޒުކޮށް އެފަދަ ވާހަކަތައް ދެއްކުމަކީ އެމީހުން ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ އެހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދާ ޖަލްސާއަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުން ހުރަސް އެޅުމުން އެމްޑީޕީން ވަރަށް ބޮޑަށް އެކަމަށް ފާޑުކިޔާފައިވާތީއެވެ.
ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ ނިމިދިޔަ ފަސް އަހަރު އޭރު އިދިކޮޅުގައި ތިބެ ކުރި މުޒާހަރާތަކުގައި ފުލުހުންގެ ފަރާތުން އެތައް އަނިޔާއަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އިދިކޮޅު ހަރަކާތްތަކަށް ހުރަސް އަޅައި އެއްވެސް އިންޒާރެއް ނެތި ހައްޔަރުކޮށް ދިން އަނިޔާތަކަށް މިއަދާ ހަމައަށް ވެސް އިންސާފު ލިބިފައިނުވާކަމަށެވެ.
"މިދިޔަ ފަސް އަހަރަކީ ހަގީގަތުގައި އެއްވެ އުޅުމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ދަތިކުރި، އެންމެ ބޮޑަށް ހުރަސް އެޅި ފަސް އަހަރު،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ އެ ހުރިހާ މައްސަލަތަކެއް ބަލައިދިނުމަށް ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް "މަތިން" އޯޑަރު އައިސްފައިވާތީ އެ މައްސަލަތައް ތަހުގީގު ކޮށްފައި ނުވާ ކަމަށެވެ.
"އިންޓެގްރިޓީ ކޮމިޝަނުން އަޅުގަނޑުމެންނަށް ދިން ޖަވާބަކީ މިފަދަ ފުލުހުންނާ ގުޅިގެން ހުށަހެޅިފަ ހުރި މައްސަލަތަކާ ގުޅިގެން، އެކަންކަން ތަހުގީގު ކުރުމަށް ވެސް އެންމެ ކުޑަމިނުން ފުލުހުންގެ މުއައްސަސާގެ ފަރާތުން އެއްބާރުލުމެއް ނުލިބުނުކަން،" ހީނާ ވިދާޅުވި އެވެ.
ހީނާ އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން މަހެއް ނުވަނިސް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ފެއްޓެވި ކަމަށެވެ. ދެ ހަފްތާއިން އެއް ހަފްތާ ފުލުހަށް ހާޒިރުކޮށް ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ބުނެ ބަންދުކޮށްގެން ވެސް ގެންގުޅުނު ކަމަށެވެ.
"އެހެންވީމަ ސިޔާސީ ފަރާތްތަކަށް ވެސް އެންމެ ބޮޑަށް ދަތިކުރުމުގެ ފިޔަވަޅުތައް އަދި ސިޔާސީ ފަރާތްތައް ފުލުހަށް ހާޒިރުކޮށް އެފަރާތްތަކުގެ މައްޗަށް ދައުވާކޮށް ސިޔާސީ ވެރިން ހައްޔަރު ކުރުން، މިކަންކަމުގެ ތާރީހެއް ވެސް އޮތީ އެމްޑީޕީ ވެރިކަމުގައި" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ މި ދަރަޖައަށް އެ ސަރުކާރުގައި ކަންކަން ހިނގާފައިވާއިރު މިއަދު ސަރުކާރަށް އަމާޒުކޮށް އެބޭފުޅުންނަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. މަޖިލީސް އިންތިހާބު ބޯމަތިވެފައިވާއިރު އެމްޑީޕީން ގެންދަނީ ދޮގު ވާހަކަތައް ފަތުރައިގެން އެންޓި ކެމްޕޭނު ކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ. އެ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.