އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް އެ ސިޓީގެ ރައްޔިތުން ވަރަށް ހޫނު މަރުހަބާ ވިދާޅުވެއްޖެއެވެ.
ލާމު އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. އެމަނިކުފާނު އައްޑޫއަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އިސްތިޤުބާލުގައި އެއާޕޯޓު ސަރަހައްދުގައި ގިނ އަދަދެއް ބަޔަކު އެއްވެ ތިއްބެވެ.
އެއާޕޯޓުން ރައީސަށް މަރުހަބާ ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ މިނިސްޓަރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާނެވެ. އަދި އައްޑޫ ސިޓީގެ ދާއިރާތަކަށް ވެރިކަންކުރަ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންވެސް އެމަނިކުފާނުގެ އިސްތިޤުބާލުގައި އެއާޕޯޓުގައި ތިއްބެވިއެވެ.
މީގެ ކުރިން ރަސްމީ ދަތުރުފުޅެއްގައި ރައީސް އައްޑޫއަށް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި އައްޑޫގެ ތަރަައްޤީއަށް މުހިއްމު މަޝްރޫޢެއްކަމަށްވާ އައްޑޫ ހިތަދޫއާއި ހުޅުދޫ ގުޅުވައިދޭ ބުރިޖު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް، އައްޑޫގައި ހިންގުމަށް ނިންމާފައިވާ ޓުއަރިޒަމްގެ ބޮޑު މަޝްރޫޢު ކަމަށްވާ އައްސޭރި ޓުއަރިޒަަމްގެ މަޝްރޫޢު އިއުލާނުކުރައްވާފައިވެއެވެ.
އެ ދަތުރުފުޅުގައި ރައީސްވަނީ މަޖިލިސް އިންތިޚާބުގެ ކުރިން އިތުރު ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. މިއަދުގެ ނުރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީ ރައްޔިތުންނާ މިރޭ ރައީސް ބައްދަލުކުރައްވާނެއެވެ.