PNF FLAG
ޕީއެންއެފް ގެ ދިދަ.... ފޮޓޯ: މަލީޙު

ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ގެ ލޯގޯ އާއި ދިދަ ދައްކާލައިފި

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ގެ ލޯގޯ އާއި ދިދަ ތައާރަފުކޮށްފިއެވެ.

ޕީއެންއެފްގެ ވަގުތީ ރައީސް، އަދި ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން ޕީއެންއެފްގެ ކުލަތަކަކީ ގުރާފެއްސާއި ކަނޑު ނޫ ކުލައެވެ. އަދި ލޯގޯގައި ތަރިއަކާއި ހުޅެވިހަނދެއް ހިމެނެއެވެ. 

ލޯގޯގެ ތަރީގައި ގުރާ ފެހި ކުލަ ހުންނަ އިރު ހުޅެވިހަނދު އިންނަނީ ކަނޑު ނޫ ކުލައިގައެވެ.

ރާޅުގަނޑު ސަރަޙައްދުގައި ކުރިޔަށް ގެންދިޔަ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ވަނީ އެ ލޯގާ އާއި ދިދަ ޖަލްސާގެ ބައިވެރިންގެ އިއްތިފާގުން ފާސްކޮށްފައެވެ. އެޖަލްސާގައި 329 މީހުން ބައިވެރިވިއެވެ.

ލޯގޯއާއި ދިދައިގެ އިތުރުން ޕާޓީ އުފައްދާ ޖަލްސާގައި ފާސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ލާޒިމުކުރާ ސިއްކަ، އެޑްރެސް އަދި އަސާސީ ގަވާއިދުވެސް ވަނީ އިއްތިފާގުން ފާސްކޮށްފައެވެ.

އެ ޖަލްސާގައި ވަނީ ޕީއެންއެފްގެ ރައީސްގެ މަގާމަށް ޒެއިންއާއި ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީހު ޖަމާލް އާއި، ވަގުތީ ހަޒާންދާރުގެ މަގާމަށް އަހުމަދު މުސްތަފާ އަދި ވަގުތީ ރަޖިސްޓްރާގެ މަގާމަށް އަލީ ޝިޔާން އިންތިހާބުކުރިއެވެ. އަދި ޕާޓީގެ ވަގުތީ ހިންގާ ކޮމިޓީއަށްވެސް މެމްބަރުން އިންތިޚާބު ކުރެވުނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސް ޔާމީންގެ އިތުރުން، ޕާޓީގެ ވަގުތީ ރައީސް ޒެއިން އާއި، ޑރ. މުހައްމަދު ޖަމީލު އަހުމަދު އާއި، މަލީހުގެ އިތުރުން 17 މީހެކެވެ.

ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައިކަމަށްވާތީ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކުރިނަމަވެސް، އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެއްނޯވެއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަކޮށް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

advertisement
ހިޔާލު ދެއްވާ!