ޢީދަށް ދިއްލާލި ޖުމްހޫރީ މައިދާނުގައި ކުދިންތަކެއް ކުޅެނީ... ފޮޓޯ: ރިވާޔާ ނިއުސް

ފިޠުރު ޢީދުގައި ރާއްޖޭގެ ރަށްރަށުގައި ދިއްލި ލައިޓުތައް އެރަށެއްގެ މިލްކެއްގެ ގޮތުގައި ހަމަޖައްސަނީ

ފިތުރު އީދުގައި ރާއްޖޭގެ އެކި ރަށްރަށުގައި ދިއްލި ލައިޓުތައް، އެ ރަށެއްގެ ރަށު ކައުންސިލްތަކުގެ މިލްކެއްގެ ގޮތުގައި ހަމަޖައްސަން ނިންމަވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުލަގަދަކޮށް އީދު ފާހަގަކުރުމަށް މާލެ ސަރަހައްދާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ގިނަ އަދަދެއްގެ ލައިޓުތައް ހަރުކޮށް ދިއްލައިލި އެވެ.

މިނިސްޓަރ އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދު ލައިޓުތައް ފޮނުވި ސިޓީ އަދި ރަށު ކައުންސިލްތަކުގެ އެސެޓުގެ ގޮތުގައި އެތަކެތި ހަމަޖެއްސުމުގެ އިދާރީ މަސައްކަތްތައް އޮފީސް ހުޅުވުމާއެކު ކުރިއަށްގެންދާނެ ކަމަށެވެ.

އެގޮތުން އީދުގައި އެރަށެއްގައި ދިއްލަން ފޮނުވި ތަކެތީގެ ފުރިހަމަ ލިސްޓާއި އެސެޓް ޓްރާންސްފާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު އެ މިނިސްޓްރީން ހިއްސާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އިންވެންޓްރީގައި އެތަކެތި ހިމެނުމަށްފަހު، ކައުންސިލްތަކުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސިޓީތަކާއި ރަށްތަކުން ގައުމީ އަދި އިޖްތިމާއީ ކަންކަމުގައި އެތަކެތި ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

 

އީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށް މި އަހަރުގެ ފިތުރު އީދުގައި ރަށްތައް ދިއްލާލުމުން ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކޮންމެ އީދަކާ ދިމާކޮށް ރާއްޖޭގެ ރައްތައް ދިއްލައި ޒީނަތްތެރި ކުރުމަކީ ސަރުކާރުގެ ސިޔާސަތެވެ. އަދި ބޮޑު ޢީދަށް އިތުރު ރަށްރަށް ދިއްލާލުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.

advertisement
ހިޔާލު ދެއްވާ!