ކުރީ ސަރުކާރުން އައްޑޫ ސިޓީގައި ސިމެންތި ލޭޔަރު އަޅައިގެން ހަދަން ނިންމާފައިވާ 60 ކިލޯމީޓަރުގެ މަގުގެ ސަރަހައްދުގައި ތާރު އަޅުއްވާނެ ކަމަށާއި އެމަޝްރޫޢަށް 18 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އައްޑޫގެ މަގުތައް ހެދުމަށް ފަށާފައިވާ މަޝްރޫޢު ރާވާފައިވަނީ 100 ކިލޯމީޓަރުގެ މަގުގެ %60 ސިމެންތި އަޅަން ކަމަށާއި އެގޮތަށް މަގު ހެދުމުން ވަރަށް އަވަހަށް މަގު ހަލާކުވެ, އަލުން މަގު މަރާމާތުކުރަންޖެހޭނެ ކަމަށެވެ.
މިދިޔަ ސަރުކާރުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާ އައްޑޫގެ މަގުހެދުމުގެ މަޝްރޫޢަކީ އައްޑޫސިޓީގެ 100 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ހެދުމުގެ މަސައްކަތެވެ. ނަމަވެސް ކުރީ ސަރުުކާރުން ނިންމާފައިވަނީ 100 ކިލޯމީޓަރުގެ ތެރެއިން ހަމައެކަނި 40 ކިލޯމީޓަރުގެ ސަރަައްދެއްގައި ތާރަ އެޅުމަށްފަހު ބާކީއޮތް 60 ކިލޯމީޓަރުގެ ސަރަހައްދުގައި ސިމެންތިލޭޔަރެއް އެޅުމަށެވެ.
އައްޑޫގެ މަގުހެދުމުގެ މަޝްރޫޢަށް ގެންނަވާ ބަދަލާއެކު މަޝްރޫޢުގެ އަގު 18 މިލިއަން ޑޮލަރަށް އަރާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި ދެކުނުގައި ޤާއިމްކުރައްވާ ޑިވެލޮޕްމަޓަލް ޒޯނުގެ ކެޕިޓަލް އަކޫ އައްޑޫސިޓީއެވެ. ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި 2 ޑިވެލޮޕްމަންޓަލް ޒޯން ޤާއިމުކުރައްވާނެކަން ރައީސް ވަނީ ކުރިން އިޢުލާންކުރައްވާފައެވެ.