މަގު ބޭނުންކުރާ މީހުންނަށް އުނދަގޫވާގޮތަށް ބަހައްޓާފައިހުރި 338 އުޅަނދު ނަގައިފި

މާލެ ސަރަހައްދުގައި މަގު ބޭނުންކުރާ މީހުންނަށް އުނދަގޫވާގޮތަށް ބަހައްޓާފައި ހުރި އުޅަނދުތަކުގެ ތެރެއިން 338 އުޅަނދު ނަގާ ޓޯކޮށްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި މަސައްކަތް ކުރަމުންދަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ފުލުހުންނާ ގުޅިގެންނެވެ.

ގަވައިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

އެވުޒާރާއިން ބުނީ މިހާތަނަށް 338 އުޅަނދެއް ނަގާ ޓޯކޮށްފައިވާ ކަމަށާއި ޓޯކުރި އުޅަނދުތަކުގެ ތެރެއިން 202 އުޅަނދު މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ. މިހާތަނަށް ދޫނުކޮށް ޓޯޔާޑުގައި ހުރީ 106 އުޅަނދު ވާކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި ގްރީން ޒޯނާއި ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި ގޯޅިތަކުގެ ކަންމަތީގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަޙައްދު ބަލަމުންދާނެ ކަމަށެވެ.

މީގެ އެއްމަސް ކުރިންވެސް މާލެ އަދި ހުޅުމާލެ މަގުތަކުގައި ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތަކެއް ނައްތާލާފައިވެއެވެ.

މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ގިނަ ދުވަސްވީ އެއްގަމު އުޅަނދުތައް ނައްތާލުމަށް ފުލުހުންނާއި ވެމްކޯ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ޕްރޮގްރާމެއް ފެށީ ނިމިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅުގައެވެ.

advertisement
ހިޔާލު ދެއްވާ!