އައްޑޫސިޓީ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ސަބަބުން އައްޑޫގައި ފެން އުފެއްދުމުގެ ޤާބިލްކަން 4 ގުނަ އިތުރުވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
މަތީން މިފަދައިން ވިދާޅުވެފައިވަނީ އައްޑޫސިޓީ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
މަތީން ވިދާޅުވީ އައްޑޫގައި ފެން އުފެއްދުމުގެ ޤާބިލްކަން 4 ގުނަ އިތުރުވެގެންދާއިރު ފެން ރައްކާ ކުރުމުގެ ޤާބިލުކަން 10 ގުނަ އިތުރު ވެގެންދާނެ ކަމަށެވެ. އަދި މިމަޝްރޫއާއެކު ދާއިމީ ގޮތެއްގައި އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތިކަން ހައްލުވެގެންދާނެ ކަމަށެވެ.
މަތީން ވިދާޅުވީ މި މަޝްރޫއަށް ބަލާއިރު މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އައްޑޫގެ މައްސަލަތަކަށް އިސްކަން ދެއްވާ ތަރުތީބުން ދުރާލާ ރޭވިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.
މިދިޔަ ހަފްތާގައި އެގްރީމަންޓަކާއި ހަމައަށް ދެވުނުއިރު، މިއީ ރައީސް އައްޑޫސިޓީގެ ރައްޔިތުންނަށް ދެއްވި "އީދު" ހަދިޔާއެއްގެ ގޮތުގައި މަތީން ވަނީ ސިފަ ކުރައްވާފައެވެ.
މަތީން ވިދާޅުވީ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ދައުލަތުގެ އިދާރީ ކަންކަން ލަސްވެގެން ރައްޔިތުންނަށް ތަކުލީފުތައް ކުރިމަތިވާ ކަމަށާއި އެއީ ނުހަނު ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
އަދި މަތީން ވަނީ ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުރި ކަމަށްވީ ނަމަވެސް ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގެ މަގު ފަހިކޮށް ދިނުމަކީ އެމީހެއްގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ ފުރިހަމައަށް އަދާ ކުރެއްވުމަށް އެދިލައްވާފައިވެއެވެ.