ރާއްޖޭގެ އެކި ހިސާބުތަކަށް މާދަމާ ހެނދުނާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ: މެޓް އޮފީސް

ރާއްޖޭގެ އެކި ހިސާބުތަކަށް މާދަމާ ހެނދުނާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މާދަމާ ހެނދުނާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެއޮފީހުން ބުނެއެވެ.

މިއަދު ހަވީރުން ފެށިގެން މާލެ ސަރަހައްދަށް ދަނީ ވިއްސާރަކުރަމުންނެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު އެމްއެންޑީއެފުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި ބައެއް ގެތަކަށް ފެން ވަންނާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް އެފްއާރުއެސް އާއި މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ކުރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އިން ވަނީ މި ވިއްސާރާގައި މާލޭގެ 57 ތަނެއްގައި ފެންބޮޑުވެގެން ނޭޝަނަލް އެ ސެންޓަރަށް ރިޕޯރޓްކޮށްފައިވާކަމަށް ބުނެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އިން ފެށިގެން ފ. އަތޮޅާ ހަމައަށް ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. އަދި ތ. އަތޮޅުން ފެށިގެން އެންމެ ދެކުނަށް ހުދު ސަމާލު ނެރެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!