ޝިޔާމް ރައީސް މުޢިއްޒުއާ ސަލާމްކުރައްވަނީ... ފޮޓޯ: ރައީސް އޮފީސް

އަސްލަމްއާ އެމްޑީޕީން ގެންދަނީ ''ފުށް ގަނޑެއް މޮޑޭހެން'' ޖޭއެސްސީ މޮޑެމުން: ޝިޔާމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކޮމިޝަންގެ މެންބަރުކަމުގައި އިންނަވާ މުހައްމަދުގެ އަސްލަމު ނުފޫޒު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ޝިޔާމް އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް މަޑުޖެހިފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ހިތަދޫ އުތުރު ދާއިރާއަށް ފަސްވަނަ ދައުރަކަށް ވާދަކުރައްވާ އަސްލަމް ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.

ރޭ އެމްޑީޕީން ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އަސްލަމް ވިދާޅުވީ ޔާމީނަށް ހުކުމްކުރުން ލަސްވާ މައްސަލަ މިއަދު ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަސްލަމް އެހެން ވިދާޅުވެފައިވާ ވީޑިއޯ 'އެކްސް' ގައި ރީޕޯސްޓު ކުރައްވާ ނައިފަރު ދާއިރާގެ މެންބަރުކަން ދެ ދައުރެއްގައި ކުރެއްވި މިހާރުގެ ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވީ ކުރީގެ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މިހާރުގެ މަޖްލިސް ރައީސް އަސްލަމްއާ އެމްޑީޕީން ގެންދަނީ "ފުށް ގަނޑެއް މޮޑޭހެން" ޖޭއެސްސީ ހިސާރުކޮށްގެން ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން 21 އޭޕްރީލްގައި ތިކަން ނިމުމަކަށް ގެންނާނަން" މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް އިން މަޖިލީހުގެ މެޖޯރިޓީ ނަގާނެ ކަމަށް އިޝާރަތްކުރައްވާ ޝިޔާމް ވިދާޅުވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ:

1- ރައްޔިތުންގެ މަޖިލީހުގެ ރައީސާއި،

2- ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި،

3- ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި،

4- ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި،

5- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި،

6- އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި،

7- ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި،

8- ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި

9- ދަޢުލަތުގެ ބަންޑާރަނައިބާއި

10- ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.

ޖޭއެސްސީގައި އޮންނަނީ އެމްޑީޕީގެ ނުފޫޒު ކަމަށް ޝިޔާމް ވިދާޅުވެފައިވާއިރު، ކޮމިޝަން އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެެނެނީ އެމްޑީޕީގެ 2 މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަސްލަމް އާއި ކޮމިޝަންގެ ރައީސަކަށް ހުންނެވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ.

advertisement
ހިޔާލު ދެއްވާ!