އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް

އިންތިޚާބުގެ ފަހުން ނޫނީ ރައީސް ޔާމީން ގެއަށްވެސް ނުގެންނާނެކަމަށް އަސްލަމް ބުނި: ސަލީމް

އިންތިޚާބުގެ ފަހުން ނޫނީ ރައީސް ޔާމީން ގެއަށްވެސް ނުގެންނާނެކަމަށް ސަލީމްގެ އަރިހުގައި އަސްލަމް ދަންނަވާފައިވާ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް މަޑުޖެހިފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ހިތަދޫ އުތުރު ދާއިރާއަށް ފަސްވަނަ ދައުރަކަށް ވާދަކުރައްވާ އަސްލަމް ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.

ރޭ އެމްޑީޕީން ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އަސްލަމް ވިދާޅުވީ ޔާމީނަށް ހުކުމްކުރުން ލަސްވާ މައްސަލަ މިއަދު ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަސްލަމް އެހެން ވިދާޅުވެފައިވާ ވީޑިއޯ 'އެކްސް' ގައި ރީޕޯސްޓު ކުރައްވާ އޭދަފުށީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ސަލީމް ވިދާޅުވީ ރައީސް ޔާމީނަށް ހުކުމްކުރުން ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމަށް އަސްލަމް ވިދާޅުވާއިރު، އިންތިޚާބުގެ ފަހުން ނޫނީ ރައީސް ޔާމީން ގެއަށްވެސް ނުގެންނާނެކަމަށް ސަލީމްގެ އަރިހުގައި އަސްލަމް ދަންނަވާފައިވާ ކަމަށެވެ. އަދި އަސްލަމްގެ ލަދުހަޔާތް ކޮބައިތޯ ސަލީމް ވަނީ އެކްސްގައި ސުވާލުކޮށްފައެވެ.

ސަލީމް މިހެން ވިދާޅުވެފައިވާއިރު ފިޝަރީޒް މިނިސްޓަރ ޝިޔާމްވެސް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކޮމިޝަންގެ މެންބަރުކަމުގައި އިންނަވާ މުހައްމަދުގެ އަސްލަމު ނުފޫޒު ކަމަށް ވިދާޅުވެފައެވެ.

އަސްލަމްގެ ވީޑިއޯ 'އެކްސް' ގައި ރީޕޯސްޓު ކުރައްވާ ނައިފަރު ދާއިރާގެ މެންބަރުކަން ދެ ދައުރެއްގައި ކުރެއްވި މިހާރުގެ ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވީ ކުރީގެ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މިހާރުގެ މަޖްލިސް ރައީސް އަސްލަމްއާ އެމްޑީޕީން ގެންދަނީ "ފުށް ގަނޑެއް މޮޑޭހެން" ޖޭއެސްސީ ހިސާރުކޮށްގެން ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ:

1- ރައްޔިތުންގެ މަޖިލީހުގެ ރައީސާއި،

2- ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި،

3- ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި،

4- ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި،

5- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި،

6- އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި،

7- ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި،

8- ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި

9- ދަޢުލަތުގެ ބަންޑާރަނައިބާއި

10- ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.

advertisement
ހިޔާލު ދެއްވާ!