ވެރިރަށް މާލޭގެ މަގުތަކުން ފެން ހިނދެންދެން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި މަގުމައްޗަށް ކުނިނުނެރުމަށާއި ބަރު އުޅަނދު ނުދުއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މެންދުރުން ފެށިގެން ގުގުރުމާއެކު ބޯކޮށްވާރޭ ވެހެން ފަށާފައިވާއިރު މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާވަރަށް ވަނީ ފެންބޮޑުވެފައެވެ.
މާލޭގެ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން، މަގުތަކަށް ކުނި ނުނެރުމަށާއި، ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް ދަންނަވަން pic.twitter.com/do1HWHCEUd
— Maldives Police (@PoliceMv) April 13, 2024
ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް (އެންޑީއެމް) އިން ބުނީ، ފެން ވަދެގެން ރިޕޯޓްކުރި ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމަށް އެ އިދާރާއަކުން ނުބުނެއެވެ. ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސް އާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިންގެ އިތުރުން ސިޓީ ކައުންސިލުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މާލެ ސިޓީއަށް މިއަދު ކުރި ވިއްސާރާ ގައި މާލޭ ބޮޑު ސަރަހައްދެއްގައި ބޮޑުވި ފެންގަނޑު ހިންދަން ސިފައިން ދަނީ ޙަރަކާތްތެރިވަމުންނެވެ.
ލޯކަލް ކައުންސިލް އަދި ސިޓީސް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެތީވެ، މިއަދު 16:15 އިން 20:15 އަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.
މެޓުން ބުނީ ދަތުރުފަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަ ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ވިޔަސް ވައިގަދަ ނުވާނެ ކަމަށް މެޓުން ބުންޏެވެ.
މެޓުން ލަފާކުރަނީ ދެ ދުވަސް ފަހުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅު ވާނެ ކަމަށެވެ.