ފ. ނިލަންދޫއިން 100 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް އިއުލާންކޮށްފިއެވެ.
ނިލަންދޫ ކައުންސިލުން ބުނީ އެ ރަށުން ޖުމްލަ 129 ގޯދި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން 96 ގޯއްޗަކީ 2،000 އަކަފޫޓްގެ ގޯތިކަމަށާއި، 33 ގޯއްޗަކީ 2،800 ފޫޓްގެ ގޯތިކަމަށް އެކައުންސިލުން މަޢުލޫމާތު ދެއެވެ.
ގޯތިތައް ދޫކުރަނީ ރަށުގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން 96 ގޯއްޗާއި ނިލަންދޫ "ވެލި" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ފަސް ގޯއްޗާއި ނިލަންދޫ "ހުވަނދު" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ހަތަރު ގޯއްޗާއި ނިލަންދޫ "ހިމިތި" ގޭގެ އަތިރިން އޮތް ސަރަހައްދުން 24 ގޯއްޗެވެ.
ކައުންސިލުން ބުނީ ގޯއްޗަށް އެދި ހުށަހަޅާ މީހުންނަށް ޕޮއިންޓް ދިނުމުގައި އިސްކަން ދޭނީ ރަށުގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ.
ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ނިލަންދޫން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ގޯއްޗަށް އެދޭ މީހާގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުމާއި 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީ ވެފައިވާ ނަމަ، ނުވަތަ ލިބިފައިވާ ނަމަ ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވާން ޖެހެއެވެ.