އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ވިދާ ގުގުރުމާއި އެކު ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ. ހުއްޓާ ނުލާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވިއެވެ. އަދި ބައެއް ގެތަކަށް ފެނުގެ އަސަރުވެސް ވަނީ ކޮށްފައެވެ.
އޭގެ ތެރެއިން ދިރިއުޅެން ދަތިވާކަމަށް ރިޕޯޓު ކުރެވުނު 10 ގެއެއްގެ ރެޕިޑު އެސެސްމެންޓް ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަމާއިއެކު ނިންމާ، ދިރިއުޅެން ދަތިވާކަމަށް ފާހަގަ ކުރެވުނު 06 ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން އެއް ރެއަށް ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އަދި އަތޮޅު ތެރެއަށް ކުރި ވިއްސާރައިގައި ށ. ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫގެ ތިން ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އަދި ތ. ހިރިލަންދޫ އާއި ތ. ވަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ. އަދި ތ. ވަންދޫގެ އެއް ގެއަށް ވެސް ވަނީ ގެއްލުން ލިބިފައެެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ރާއްޖެއަށް ބޯކޮށް ވާރޭވެހި މާލެ އާއި ބައެއް ރަށްރަށުގައި ވަނީ އާއްމުންގެ މުދަލާއި އިމާރާތްތަކަށް ގެއްލުންވެފައެވެ. އެ ފަހަރު ކުރި ވިއްސާރައިގައި މާލޭގެ 110 ގެއަކަށް ފެން ވަދެގެން ވަނީ ރިޕޯޓުކޮށްފައެވެ.