ދިވެހި ބަހުން ވިސްނާ ކުދިން މަދު ކަމަށާއި, ހިތުގައި އުފެދޭ ޝުޢޫރު ދިވެހި ބަހުން ފާޅު ކުރަން ޖެހޭ ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚާއްޞަ މެސެޖެއްގައި އަޝްރަފް ވިދާޅުވީ ޅަފުރައިގެ ގިނަ ކުދިންނަށް ދިވެހި ވެށީގައި ހިމެނޭ ގިނަ ބާވަތްތަކަށް ދިވެހިބަހުން ކިޔާ ނަންތައް ނޭނގުމަކީ ގަބޫލުކުރަންޖެހޭ ހިތި ހަގީގަތެއް ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހި ބަހުގެ ދުވަހެވެ. މި އަހަރުގެ ޝިއާރެއް ކަމަށް ކަނޑައަޅާފައިވަނީ "ދިވެހިބަހުން ވިސްނަމާ" އެވެ.
އަޝްރަފް ވިދާޅުވީ ގަސްގަހާގެއްސާއި މަސްމަހާމެއްސާއި މާމެލާމެލީގެ ބާވަތްތަކަށް ދިވެހިން ކިޔާ ނަން ވެސް ގިނަ ކުދިންނަށް ނޭނގެ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި މަސައްކަތްތެރިކަމާއި އެ މަސައްކަތްތައް ކުރުމަށް ގެންގުޅޭ އާލާތްތަކަށް ކިޔާނެ ދިވެހި ނަންތަކާއި ގޭތެރޭގައާއި ބަދިގޭގައި ގެންގުޅޭ ސާމާނަށް ކިޔާނެ "މައް" ދިވެހި ނަންނަތައް ބޮޑެތިވަމުން އަންނަ ކުދިންނަށް ނޭނގެއޭ ބުނަން ޖެހުމަކީ ލަދުވެތިކަމެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ.
އަދި ބައެއް އުސްތާޒުން ވިދާޅުވާ ގޮތުގައި "ދިވެހިން" ވިސްނާ ކުދިން މަދުވެފައިވާ ކަމަށާއި "ދިވެހިބަހުން" ވިސްނާ ކުދިން އެއަށްވުރެ މަދުވެފައިވާ ކަމަށް ވިދާޅުވިއެވެ. ހިތުގައި އުފެދޭ ޝުޢޫރު ފަސޭހަކަމާއެކު އަނެއްކާއަށް ދިވެހިބަހުން ފާޅުކުރުމަކީ ދަތިކަމަކަށް ވެފައިވާ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ މެސެޖު pic.twitter.com/UOUCRkjxKl
— Dhivehibahuge Ekedamee (@DhivehiEkedamee) April 14, 2024
ހިތުގައި އުފެދޭ ޖަޒުބާތާއި ޚިޔާލުވެސް މިހާރު ފަސޭހަކަމާއެކު ހާމަކުރަނީ އިނގިރޭސި ލަފުޒުތައް ހިމަނައިގެންކަމަށާއި އެފަދަ ކުދިން ވިސްނުމުގައި ދިވެހި ބަސް ނުގެންގުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަހުގެ އެކަޑަމީ އިން އާއްމުކުރި މެސެޖުގައި ބުންޏެވެ.
އެހެންކަމުން އަޒުމް ކަނޑައަޅަންވީ ދިވެހިން ވިސްނާ، އެކަން ބޮޑުވަމުން އަންނަ ޖީލަށް އުނގަންނައިދޭ ބަޔަކަށްވުމަށް ކަމަށާއި ދިވެހި ސިކުނޑިތަކުގައި ދިވެހި ނަންތައް ހަރުލެއްވުމަށް ކަމަށާއި ދިވެހި ލަފުޒު ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމަށްކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.