ފ. ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫޢު އެރަށު ރައްޔިތުން އެދޭގޮތަށް ބަދަލު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަޤީންކަން ދެއްވީ ފީއަލީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފީއަލީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސަރުކާރުންނެވެ.
އެގޮތުން 13.8 ހެކްޓަރުގެ ބިން ހިއްކުމަށް މިދިޔަ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް އެ މަޝްރޫޢު ކުރިއަށްދަނީ ރައްޔިތުން އެންމެ ބޭނުންވާގޮތަށް ނޫންކަމަށް ފީއަލީ ކައުންސިލުން ބުނެފައިވެއެވެ.
ރައްޔިތުން އެދޭގޮތަށް މަޝްރޫޢު ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ މިމަޝްރޫޢަށް 15 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވާނެ ކަމަށާއި ފީއަލީ ފަޅުގައި އިތުރަށްވެސް ޖާގަ އޮތް ކަމަށެވެ.
އަދި ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދެންހުރި މަޝްރޫޢުތައްވެސް، އެއީ ފެށިފައި ހުރި މަޝްރޫޢުތަކާ އަލަށް ފަށަންހުރި މަޝްރޫޢުތައްވެސް، އޭގެތެރޭގައި ސިއްޙީ ދާއިރާގައި ފެށިފައިހުރި މަސައްކަތްތައްވެސް އެބަހުރި. ލެބޯރެޓަރީ. ތައުލީމީ ދާއިރާއިން ސްކޫލް ފެންވަރު ރަނަގޅުކޮށް މަލްޓިޕާޕަސް ހޯލެއް ތަރައްޤީކުރުންކަމުގައިވިޔަސް ކުޅިވަރާ ގުޅުންހުރި ކަންކަންވިޔަސް މިހެންގޮސް ބައިވަރުކަންކަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ހުރިހާ ކަމެއް އެންމެ ބާރު ދުވެލީގައި ހިންގާނެ ކަމަށެވެ.