ފިޝަރީޒް މިނިސްޓަރ ޝިޔާމް

ރާއްޖޭގެ ތިން ރަށެއްގައި މަސް ފެކްޓްރީ އެޅުމަށް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި

ރާއްޖޭގެ ތިން ރަށެއްގައި މަސް ފެކްޓްރީ އެޅުމަށް ސަރުކާރުން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައެވެ.

މިއަދު ބޭއްވި މިރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ތިން މަސް ފެކްޓްރީ އެޅުމަށް ޙަވާލު ކޮށްފައިވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން އަށެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވަޒީރު އަހުމަދު ޝިޔާމްއެވެ.

އެ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ދަށުން ދ.މާދެލި އަދި ގދ. ފިޔޯރީ ގައި މުޅިން އަލަށް މަސް ފެކްޓްރީއެއް އަޅާނެ ކަމަށާއި ޅ. ފެލިވަރުގައި ވެސް މަސް ބަންދުކުރާ ފެސިލިޓީއެއް ގާއިމްކުރާނެ ކަމަށެވެ.

އެގޮތުން މާދެލީގައި ގާއިމްކުރާ މަސްފެކްޓްރީ ތަރައްގީ ކުރާނީ ދެ ފޭސް އަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފޭސް ގައި ބަނދަރު ތަރައްގީ ކުރުމާއި ލޭންޑިން ފެސިލިޓީސް އާއި އެކޮމަޑޭޝަން، މަގުހެދުން އަދި 1500 ޓަނުގެ ކެފޭސިޓީގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިންނާއި ބްލާސްޓް ފްރީޒިން ފެސިލިޓީއެއް ގާއިމްކުރާނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

އަދި ދެވަނަ ފޭސް ގައި ދުވާލަކު 50 ޓަނުގެ މަސް ރައްކާކުރެވޭ ފެސިލިޓީއެއް ގާއިމް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ވުޒާރާއިން ބުނީ ފިޔޯރީގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާ އެކު 100 ޓަނުގެ މަސް ބަންދުކުރާ ފެކްޓްރީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމައެހެންމެ ފެލިވަރުގައި ދުވާހަކު 100 ޓަނުގެ މަސް ރައްކާކުރެވޭ ފެސިލިޓީއެއް ގާއިމް ކުރާނެ ކަމަށާއި 38 އަހަރު ވެފައިވާ ކޭނަރީ ރިޕްލޭސްކުރާނެ އެވުޒާރާއިން ބުނެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!