ގިރާވަރުން ދޫކުރި ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނިމިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުން ދޫކޮށްފައިވާ 1347 ގޯއްޗެއް, ގުޅިފަޅަށް ބަދަލުކުރަން އެދުމަށް ހުޅުވާލި ފުރުސަތު ސަރުކާރުން މިއަދު އިތުރުކޮށްފިއެވެ.

ގެދޮރުވެރިކަމާ ގުޅޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނީ ގިނަ ފަރާތްތަކުން އެދެމުންދާތީ އެ މުއްދަތު މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައިވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި، 2450 އަކަފޫޓުގެ 4  ގޯއްޗެވެ. 

މި އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. މިފުރުސަތު ހުޅުވާލާފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 23:00 އާ ހަމައަށް  ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީން ކުރިން ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށްވާތީ މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭ ކަމަށެވެ. އެކަމާ ގުޅިގެން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރަނީ ކަމަށެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެއެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިންވެސް ހަވާލުކުރިއެވެ.

advertisement
ހިޔާލު ދެއްވާ!