Maumoon
ރައީސް މައުމޫން. ފޮޓޯ: މިހާރު

އީރާނުގެ ދިފާޢުގައި ރައީސް މައުމޫނު ވާހަކަފުޅު ދައްކަވައިފި

އީރާނުން އިސްރާއީލަށް ދެމުން ގެންދާ ހަމަލާތައް ދިފާއު ކުރައްވާ އެ ޤައުމުގެ ދިފާއުގައި ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމާއި ދެކޮޅަށް އަމިއްލަ ދިފާއުގައި އީރާނުން އެޅި ފިޔަވަޅަށް އެމަނިކުފާނު ވަރަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށެވެ.

"ހިތްވަރުގަދަ އީރާނާއި އެހެނިހެން މުސްލިމް ހަނގުރާމަވެރިންނަށް މާތް الله ތަޢާލާ ނަޞްރު ދެއްވާށި!" މައުމޫން ވިދާޅުވެފައިވެއެވެ.

މައުމޫނަކީ ރާއްޖޭގެ ރައީސްކަމުގައި ހުންނެވިއިރު ވެސް އިސްރާއީލާ ދެކޮޅަށް ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖެއާއި އިސްރާއީލާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލައްވާ ފަލަސްތީނާއެކު ގާތް ގުޅުމެއް ވަނީ ގެންގުޅުއްވާފައެވެ.

އީރާނުން އިސްރާއީލަށް ޑްރޯނާއި މިސައިލުން ހަމަލާތައް ދޭން ފެށީ ސީރިއާގެ ދިމިޝްގުގައި ހުންނަ އީރާންގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާގައި އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރަކާއި އިތުރު ބައެއް ސިފައިން މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އީރާނުން އިސްރާއީލަށް ޙަމަލާދީފައި މިވަނީ ޞަޙްޔޫނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުން އަންނަ ފަނާކުރަނިވި ހަނގުރާމައަށް ހަ މަހަށް ވުރެ ގިނަ ދުވަސްވެ، ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން މަރުވެ، ވަށާލެވިފައިވާ ސަރަހައްދު ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

advertisement
ހިޔާލު ދެއްވާ!