ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކޮމިއުނިކޭޝަން އިކުއިޕްމަންޓްތަކެއް ހަދިޔާކޮށްފި އެވެ.
މިތަކެތި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން އެތަކެއްޗާ ޙަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެވެ.
ބަންޑާރަ ކޮށި އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި މިރަސްމިޔާތުގައި އެމްއެންޑީއެފްއިން ބުނީ ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ތަކެތީގެ ސަބަބުން އެމްއެންޑީއެފްގެ ސަވައިލެންސް ކެޕޭސިޓީ އިތުރު ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
ހަދިޔާ ކުރި ތަކެތީގެ އިތުރު މައުލޫމާތުތަކެއް އެމްއެންޑީއެފްއިން ހާމަކޮށްފައިނުވެއެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މަޢުމޫން އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން ޖެނެރެލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.