މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ކުރިއަށް އޮތީ ވަރަށް ބިރުވެރި، ނާމާން ދުވަސްތަކެއް: ޞާލިހު

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ކުރިއަށް އޮތީ ވަރަށް ބިރުވެރި، ނާމާން ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ ތ. ތިމަރަފުށީ ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަންޒަރު މިހާރު ވެސް ފެންނަ ކަމަށާއި ތުހުމަތު ކުރެވެނީ ސަރުކާރުން މި އިންތިޚާބާ ދިމާކޮށް ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު މިއަދު ދިޔަ އިސްދޫއިން 115 މުވައްޒަފުން ކަނޑާލައިފި. 115 އާއިލާ މަގުމަތިކޮށްލައިފި، އެއީ ސަރުކާރަށް ތާއިދު ނުކުރާތީ،" ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ޞާލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާ ރައްކާތެރިކޮށްދޭނެ ބިލެއް އެކުލަވާލައި، ގާނޫނަކަށް ހަދައިދޭނެ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުން ހިމާޔަތް ކުރުމަށްޓަކައި ސިވިލް ސާވިސް ގާނޫނު، ފާސްކުރިއިރު އެކަމާ ދެކޮޅަށް އޭރު އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!