މިހާރު މިއޮތް ވެރިކަން ވައްޓާލައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމުން ބޭލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.
ޅ. ހިންނަވަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޞާލިހު ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އެދިގެން އައި ސަރުކާރަކުން ރައްޔިތުންނާމެދު ނާއިންސާފުން ކަންތައް ކުރަމުންދާ ކަމަށާއި ސަރުކާރު މިވަނީ ހަމަ މަގުން ނައްޓާފައި ކަމަށެވެ.
އަދި ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް މިސަރުކާރުން ނުކުރާ ކަމަށްވެސް ޞާލިހު ވިދާޅުވިއެވެ.
"ކުންފުނިތަކުގެ ވެރިންނަށް މިއަންގަނީ ތިމަންނަމެންނާ އެކީގައި މަސައްކަތްކުރަން އަންގާށޭ. ނުކޮށްފިއްޔާ އަޅަންޖެހޭ ފިޔަވަޅު އަޅާށޭ. ވަކިކުރާށޭ. ދެން އަނެއްކާ ދިއްދޫގައި ހަމަ އެބޭފުޅުން ކެމްޕެއިންގައި އެ ގޮވާލީ. ކަރަންޓަކީ ދޭންވާނެ އެއްޗެއް. އެއީ އަސާސީ ޚިދުމަތެއް. ތިމަންނަމެންނަށް ވޯޓު ދޭ މީހުންނަށް އެކަންޏޭ ކަރަންޓް ދޭންވާނީ. މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ. އެފަދަ ދުއްތުރާ ކުރާކަށް ނުވާނެ. އަޅުގަނޑު ބޭނުމެއް ނޫން މިހެން ބުނާކަށް. އެކަމަކު ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ މިބޭފުޅުން މިކަމުން ދުރުކުރުން. އެހެންނޫންނަމަ އަޅުގަނޑުމެންނަށް އޮތީ ވަރަށް ނާމާން ދުވަސްވަތެއް." ޞާލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވުނު މަޖިލިސް އިންތިޚާބުގައި އެމަނިކުފާނުގެ ވެރިކަމުގައި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ވަޒީފާގެ ބިރު ދައްކާފައި ނުވާނެކަމަށާއި މިހާރު މަންޒަރު ތަފާތު ކަމަށެވެ.