މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދެ ސްޓޯރޭޖް ކޮންޓޭނަރު ހަދިޔާ ކޮށްފިއެވެ.
ސްޓޯރޭޖް ކޮންޓޭނަރުތައް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ރަސްމީކޮށް ހަދިޔާ ކުރެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އާއި ކުންފުނީގެ ބައެއް އިސްވެރިން ވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އަހްމަދު އާއި އެ ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
އެމްޕީއެލް އިން ބުނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގައި ދިމާވެފައިވާ ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން ސީއެސްއާރްގެ ދަށުން އެ ހޮސްޕިޓަލަށް 40 ފޫޓުގެ ދެ ސްޓޯރޭޖް ކޮންޓޭނަރު ހަދިޔާކޮށްފައިވާ ކަމަށެވެ.
102 އެނދުގެ މި ޓާޝަރީ ހޮސްޕިޓަލަކީ ދެކުނުގައި ރައްޔިތުންނަށް ހިދުމަތްދޭ އެންމެ ބޮޑު ހޮސްޕިޓަލެވެ. އަދި އެ ހޮސްޕިޓަލުން ޒަމާނީ ގިނަ ހިދުމަތްތަކެއް ލިބެން ހުންނަކަން ފާހަގަކުރެވެ އެވެ. ހަމައެހެންމެ ބައެއް ބޮޑެތި އޮޕަރޭޝަން ވެސް އެ ހޮސްޕިޓަލުން ކުރެވެ އެވެ.