އަލިފުށީގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ރ. އަލިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓާވާދެއްވުމަށް ރ. އަލިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މި މަސައްކަތަކީ 90 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމާއި މަގު ބައްތި ޖެހުން ހިމެނެ އެވެ.

ރ.އަލިފުށީގައި ކުރިޔަށް ގެންދާ ތަރައްޤީގެ މިބޮޑު މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)އާއި އެވެ. އަދި މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 540 ދުވަހުން ނިންމާ ގޮތަށް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެއެވެ.

އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ ބޮޑެތި މަގު ތަކާއި ޢާންމު ޚިދުމަތްތައް ދޭ އިދާރަތަށް ހުރި މަގު ތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާއިރު އަލިފުށީ މަގު ހެދުމަށް ބޭނުންވާ ސާމާނު ފޮނުވައިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގައިކަން ފާހަގަ ކުރެވެ އެވެ.

advertisement
ހިޔާލު ދެއްވާ!