ތަމްރީންތަކެއްގައި އީރާނުން މިސައިލެއް އުދުއްސާލަނީ... ފޮޓޯ: އޭއެފްޕީ

ރަޝިޔާއިން އީރާނަށް އެންމެ ޒަމާނީ ހަތިޔާރު ފޯރުކޮށްދެނީ

އީރާނުން އިސްރާއީލަށް ދިން ޙަމަލާއާއި ގުޅިގެން މެދިއިރުމަތީގެ މަސްރަޙު ހޫނުވެފައިވަނިކޮށް ރަޝިޔާއިން އީރާނަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާކަމަށް ބުނާ ރިޕޯޓްތަކެއް މީޑިއާގައި ތިލަވެއްޖެއެވެ.

އީރާނާއި ރަޝިޔާއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ރަޝިޔާގެ ހަތިޔާރު އުފައްދާ ކުންފުންޏަކުން ވަނީ އެންމެ ޒަމާނީ ހަނގުރާމަމަތީ މަތިންދާ ބޯޓާއި، ވައިގެ މަގުން ދޭ ޙަމަލާތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޓެކްނޮލޮޖީ އީރާނަށް ދިނުމަށް އެއްބަސްވެފައިކަމަށް މިރިޕޯރޓްތައް ބުނެއެވެ.

މެދުއިރުމައްޗާއި ޔޫރަޕްގެ އިންޓެލިޖެންސް އޮފިޝަލުންނާ ޙަވާލާދީ ވޮޝީންޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި މިއެހީތެރިކަމުގެ އީރާނަށް ލިބިފައިވާ ޙަމަލާތަކުން ދިފާޢުވުމުގެ ބާރު ވަރަށްބޮޑަށް އިތުރުވެގެންދާނެއެވެ.

2007 ވަނަ އަހަރުވެސް އަހަރުވެސް އީރާނުން ވަނީ ރަޝިޔާއިން އުފައްދާ S-300 އެންޓި-އެއަރކްރާފުޓް މިސައިލް ސިސްޓަމްތަކެއް ގަނެފައެވެ. އެހެންނަމަވެސް، އެމެރިކާއާއި ޔޫރަޕުގެ ފިއްތުންތަކުގެ ސަބަބުން މިސިސްޓަމްތައް އީރާނަށް ލިބި ބޭނުންކުރަން ފެށޭވަރުވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އީރާނުގެ ލޯ މިހާރު ހުރީ މިފަދަ އެންމެ ޒަމާނީ ސިސްޓަމް ކަމަށްވާ S-400 އަށެވެ.

މިފަދަ ރިޕޯޓެއް މީޑިއާގައި ތިލަވެފައި މިވަނީ ސީރިޔާގައި ހުންނަ އީރާނުގެ އެމްބަސީއަށް ދެވުނު ޙަމަލާއަށްފަހު އީރާނުން އިސްރާއީލަށް އިންޒާރުތަކެއް ދިނުމަށްފަހު ވައިގެ ޙަމަލާތަކެއްވެސް ދީފައިވާ ދަނޑިވަޅެއްގައެވެ.

އެންބަސީއަށް ދެވުނު ޙަމަލާއަށްފަހު އިސްރާއީލުގެ އެމްބަސީތަކަކީ ރައްކާތެރިކަން ލިބިފައިވާ ތަންތަންކަމުގައި ބަލައިގެން ނުތިބުމަށް ބުނެ އީރާނުގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރު ޔަހްޔާ ރަހީމް ސަފާވީ ވަނީ އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އަދި އީރާނުގެ ލީޑަރ ޢަލީ ޚާމަނާއީވެސް ވަނީ ދިމިޝްޤުގައި ހުރި އީރާނުގެ އެމްބަސީއަށް ދިން ޙަމަލާގެ ސަބަބުން އިސްރާއީލުން ކަރުނައަޅަންޖެހޭނެކަމަށްބުނެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

އީރާނަކީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯންގެ ބޮޑު ބިޔަ ލަޝްކަރެއް އޮތް ގައުމަކަށްވާތީ އިރާނުގެ މިހަރުކަށި އިންޒާރު އިސްރާއީލުން ވަނީ ވަރަށް ސީރިއަސްކޮށް ނެގިއެވެ. އެގޮތުން ވައިގެ ދިފާޢީ ނިޒާމު ކޮންޓްރޯލް ކުރާ މަރުކަޒުތަކަށް އަސްކަރީ ރިޒާވްގައި ތިބި ސިފައިން ވެސް އަނބުރާ ގެންދިޔައެވެ. އަދި ސިފައިންނަށް ދޭން ކުރިން ރާވާފައި ހުރި ޗުއްޓީތައް ވެސް ވަގުތީ ގޮތުން މަޑުޖައްސާލިއެވެ.

އީރާނުގެ އިންޒާރުތަކަށްފަހު މިދިޔަ ހޮނިހިރު ދުވަހު މުޅި ދުނިޔެ ސިއްސުވާލީ އީރާނުން އިސްރާއީލާ ދެކޮޅަށް ވައިގެ މަގުން ޙަމަލާތަކެއް ދީފައިވާކަމަށް އީރާނުން ހާމަކުރުމުންނެވެ. އީރާނުން ބުނާގޮތުގައި މިޙަމަލާއަކީ އީރާނުގެ އެމްބަސީއަށް ދިން ޙަމަލާގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް ކޮމާންޑަރަކާއި އިތުރު ބައެއް ސިފައިން މަރުވުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ޙަމަލާއެކެވެ.

އީރާނުން ދިން ޙަމަލާގައި ވަނީ ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން 331 ޙަމަލާ އިސްރާއީލަށް ފޮނުވާލާފައެވެ. އިސްރާއީލުގެ ދިފާޢީ ނިޒާމުން މީގެ ތެރެއިން ގިނަ ޙަމަލާތައް ވައިގެ ތެރޭގައި ނާކާމިޔާބު ކޮށްލިނަމަވެސް، ބައެއް ޙަމަލާތައް ވަނީ އިސްރާއީލަށް ފޯރާފައެވެ.

ބައެއް ރިޕޯރޓްތައް ބުނާގޮތުގައި އިސްރާއީލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނަށް ހަަމަލާ ނުދިނުމަށް އިސްރާއީލުންވަނީ ނިންމާފައެވެ.

advertisement
ހިޔާލު ދެއްވާ!