ގްރޭޓަރ މާލޭ އޭރިޔާގެ އަވަށެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި މަސައްކަތްކުރަމުންދާ ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ގުޅީފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތް ނިންމާލީ އިއްޔެ ކަަމަށެވެ.
ގުޅީފަޅަކީ މާލެއާއި ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެކެވެ. 2010 ވަނަ އަހަރު ފުރަތަމަ ގުޅީފަޅު ހިއްކި ބޭނުމަކީ އެތަނުގައި މީހުން އާބާދުކޮށް، މާލޭގެ ތޮއްޖެހުން ކުޑަކުރުމެވެ.
Boskalis has completed the dredging and reclamation of ~150 hectares of land (18 million cubic meters of sand) in Gulhifalhu. Shore protection work is ongoing. Project formulation of additional 85 hectares announced by the government is also ongoing. https://t.co/74BqjgDZmt
— Abdulla Muththalib (@muththo) April 16, 2024
ވަޒީރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ހިއްކާ ނިންމާލި ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަަމަށެވެ.
ގުޅީފަޅުން ހިއްކުނު މި ސަރަހައްދު ހަމަޖެހިފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން، މާލޭގައި ހިންގަމުންދާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ ހިދުމަތް އެތަނަށް ބަދަލުކޮށް ސަރަހައްދީ ބަނދަރެއް ތަރައްގީ ކުރުމަށެވެ.
ގުޅީފަޅުގައި ތަރައްގީކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި އެސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ބިން ކަނޑައަޅާފައިވެއެވެ.
އެގޮތުން ތަޢުލީމީ ހިދުމަތާއި ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި ސިޓީ ހޮޓާ ތަރައްގީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން އޭރު ބުނީ ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްގީ ކުރުމަށް ޕްލޭން ގައި ކަނޑައަޅާފައިވާ ކަމަށެވެ.
މި ސަރުކާރުން ވަނީ ގުޅީފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައެވެ.