ހީނާ ވަލީދު ފޮޓޯ: ޕީއެންސީ

އެމްޑީޕީން އެންޓި ކެމްޕޭނު ކުރާ މައްސަލަ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

އެމްޑީޕީން އެންޓި ކެމްޕޭނު ކުރާ މައްސަލަ ޕީއެންސީން އިލެކްޝަންސް ކޮމިޝަން އަށް ހުށަހަޅައިފިއެވެ.

އަންނަ ހަފްތާގެ އާދިއްތާ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން އެންޓި-ކެމްޕޭނުކުރާ މައްސަލަ އެއް ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އިން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށައެޅީ މިއަދުއެވެ.

"މިއަދު އަޅުގަނޑުމެން ވާނީ މި މައްސަލަ އީސީއަށް ހުށަހަޅާފައި" ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލީސް އިންތިހާބަށް ކަނޑައަޅާފައިވާ ހީނާ ވަލީދު މިއަދު ބޭއްވި ޕްރެެސް ބްރީފިންގައި ވިދާޅުވިއެވެ.

ޕްރެސް ބްރީފިންގައި ހީނާ ވަނީ ނިމިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ހީނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 37 ޖަލްސާއެއްގައި މާރާމާރީ ހިންގާ މަޖިލީސް ތަޅުމުގައި އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

ހީނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮވެމެ ރައްޔިތުންނަށް މާ ބޮޑެތި ކަންތައްތައް ކޮށްދެވުނު ތަން ނުފެންނަކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިސްލާމްދީނަށް ފުރުއްސާރަކޮށްފައިވާ ކަަންކަން ބެލުމަށް އޭރު އިދިކޮޅުގައި އޮތް ޕީއެންސީ/ޕީޕީއެމް އިން މަޖިލީހަށް ހުށަހެޅުމުން އެކަން ބަލާފައިނުވާކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ދީނީ ޖަމިއްޔާތަކާއި ދީނީ އިލްމުވެރިންނަށް ފިޔަވަޅު އެޅި ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ނަމަވެސް އެއާ ހިލާފަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އިސްލާމި ކަންތައްތަކަށް އިސްކަން ދެއްވާފައިވާކަން ފާހަގަކުރަމުން ހީނާ ވިދާޅުވީ، އެކަންތައްތަކާއި ގުޅޭ ގާނޫނު ފާސްކުރަން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިއްމު ކަމަށެވެ.

ރައީސް މުޢިއްޒުވެސް ދަނީ އެމަނިކުފާނު ތާއިދުކުރައްވާ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކޮށްދެއްވުމަށް ޕޯޑިއަމްތަކުގައި ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.

advertisement
ހިޔާލު ދެއްވާ!