ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޣާޒާއަށް އެއްމިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.
އެކޯޕަރޭޝަނުން މިފައިސާ ހަދިޔާކުރީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ ޣައްޒާ އެމަޖެންސީ ރިލީފް ފަންޑަށެވެ.
އައިއޭސީއިން މިއަދު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ސަދަގާތުގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ.
އެ ފައިސާގެ އެހީ ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ފޯރުކޮށްދެވި، އެހީގެ ތަފްސީލު ހާމަކުރެވިގެން ދާނެކަމުގެ ޔަގީންކަން އައިއޭސީއިން ވަނީ ދީފައިއެވެ.
ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދެމުން އަންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާތަނަށް މި ހަމަލާތަކުގައި 33،000 ހާހަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 76،000 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.
އެ ހަމަލާތައް ފެށުމަށް ފަހު ޣައްޒާއިން ސާފު ބޯ ފެނާއި ކާބޯތަކެއްޗާއި ސިއްހީ ފަރުވާގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.