ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ޚަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ގޮތަށް ކޮންމެ ހަފްތާއަކު ގަވާއިދުން ޝާއިއުކުރާ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އާންމުނުކުރާތާ ތިން ހަފުތާއަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ހަފްތާއަކު އެއްފަހަރު ޝާއިޢުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އެންމެފަހުން ޝާއިއުކުރީ މާޗު 26, ގަ އެވެ. އޭގެ ތިން ދުވަސް ފަހުން އެ ރިޕޯޓު މުރާޖަޢާ ކުރުމަށްފަހު އަލުން ޝާއިއުކުރި އެވެ. މިރިޕޯޓާއި ހަމައަށް ދައުލަތަށް އާމްދަނީއަށް 7.8 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުކުރީ 8.9 ބިލިއަން ރުފިޔާ އެވެ.
މާރޗް 26 ގައި ޝާއިޢުކުރި ރިޕޯޓުގައި އޮތީ މާޗު 21, އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތަކުގެ ތަފްސީލެވެ. އެއަށްފަހު މިއަދާ ހަމައަށް 26 ދުވަސް ފާއިތުވެގެންދިޔައިރު ދައުލަތުގެ އާމްދަނީއާއި ހަރަދަށް އެ މުއްދަތުގައި އައި ބަދަލުތަކެއް ނޭނގެ އެވެ.
މާލީ ހިސާބުތައް އާންމުނުކުރާތާ ގިނަ ދުވަސްވެފައިވާއިރު އަންނަ އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބާ ދިމާކޮށް ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށް ދަނީ ޚަރަދުކުރަމުންނެވެ. އެކަންކަމާ ގުޅޭ މައުލޫމާތު އާންމު ނުކުރާތީ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.